18 އެޕްރީލް 2021
ވަކީލް އަހުމަދު ނަޖީބް މަރައިލި މައްސަލައިގައި، އެކަމުގައި ބައިވެރިވި ފާތިމަތު ހަނާ މަރަން ކޮށްފައިވާ ހުކުމަކީ އޭނާ އަށް ހައްގު އަދަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ހަނާ މިއަދު ބުނެފި އެވެ.
ވަކީލް އަހުމަދު ނަޖީބް މަރައިލި މައްސަލައިގައި، އެކަމުގައި ބައިވެރިވި ފާތިމަތު ހަނާ މަރަން ކޮށްފައިވާ ހުކުމަކީ އޭނާ އަށް ހައްގު އަދަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ހަނާ މިއަދު ބުނެފި އެވެ.
ޖޫން، 2012 ގައި ހަނާ އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ މ. މަސްރޫރާ، އަހުމަދު މުއްރަތު ބައިވެރިވެގެން، މުއްރަތުގެ ގޭގައި ވަކީލް ނަޖީބް ރަހީނުކޮށް، އޭނާ އަތުން ފައިސާ އަތުލުމަށް ފަހު، ވަޅިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ހަނާ އާއި މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. ހަނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާތީ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
މިއަދުގެ އަޑުއެހުމުގައި ހަނާ ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފަ އެވެ. މިއީ 2012 ގައި ކްރިމިނަލް ކޯޓުގައި އޭނާ ކުށަށް އިއުތިރާފުވި ފަހުން އެ ވާހަކަތައް އެހާ ތަފުސީލުކޮށް ކިޔައިދިން ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުގައި ހަނާ ބުނީ މުއްރަތުގެ ގެއަށް ނަޖީބު ގެނައީ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައެއްގައި ގާނޫނީ އެހީތެރިކަން ހޯދަން ކަމަށާއި ނަޖީބު އެ ގެއަށް އައީ އިރުއޮއްސުނު ފަހުން ކަމަށެވެ. މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ތިބެފައި މުއްރަތު ބޭރަށް ނުކުތުމުން ނަޖީބުގެ ފަރާތުން އުނދަގޫވާ ކަހަލަ ކަންތައްތަކެއް ފެނުނު ކަމަށާއި އެހެންވެ ބޭރަށް ނުކުމެ، އެ ވާހަކަ މުއްރަތު ކައިރީގައި ބުނި ކަމަށް ހަނާ ބުންޏެވެ. އެ ވާހަކަ ބުނުމުން މުއްރަތު ކޮޓަރި އަށް ވަދެ ވަޅިއެއް ހިިފައިިގެން ގޮސް، ނަޖީބުގެ ކަރުގައި ވަޅިއެއް ޖެއްސި ކަމަށާއި ނަޖީބުގެ މޫނާއި އަނގަމަތީގައި ޓޭޕް އަޅައި، ގޮނޑިއެއްގައި ބަދެފައިވާނެ ކަމަށް ހަނާ ބުންޏެވެ.
"އަޅުގަނޑު ޓޭޕް އެޅީ ނަޖީބުގެ އަނގަމަތީގަ އާއި މޫނުމަތީގައި. އެކަމަކު އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އަޅުގަނޑު އޭނާގެ ނޭފަތަކު ޓޭޕެއް ނާޅަން. އޭނާ ހުންނާނީ ނޭވާ ލެވޭ ގޮތަށް،" ހަނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭގެ ފަހުން ނަޖީބުގެ ކޭޝްކާޑާއި ޕިން ނަމްބަރުު އަތުލައިގެން އެރޭ މުއްރަތާ ދެ މީހުން ރަލާއި އެކި ކާބޯތަކެތި ގެނެސް، ރާ ބޮއެގެން ނިދީ އެވެ. އޭނާ އަށް ހެނދުނު ހޭލެވުނީ މުއްރަތު ވަރަށް ހާސްވެގެން އޭނާ އަށް ގޮވުމުން ކަމަށާއި އޭރު ނަޖީބު މަރައިލާފައިވާ ކަމަށް ހަނާ ބުންޏެވެ.
"ވަރަށް ހާސްވެގެން ގޮވާފައި ބުނަނީ މުއްރަ އަތުން ނަޖީބު މަރުވެއްޖެއޭ. ބުނީމާ އަޅުގަނޑު ބުނިން ކީއްހޭ ތިކުރީ. އެ ވަގުތު އަޅުގަނޑު ވެސް ވަރަށް ހާސްވި. އެއްވެސް އިރަކު އަޅުގަނޑުގެ އިންޓެންޝަނެއް ނޫން އެގޮތަށް ހެދުމަކީ،" ހަނާ ބުންޏެވެ.
އޭނާ ބުނިގޮތުގައިި ނަޖީބުގެ ހަށިގަނޑު ފޮރުވަން އުޅުމުގައި ބައިވެރިވީ ވެސް ހާސްވެފައި ހުރިވަރުންނެވެ.
ހަނާ ކުރިން އެކަމަށް އެއްބަސްވެފައިވާތީ އެކަމާ ބެހޭގޮތުން ވެސް ހަނާ މިއަދު ވާހަކަ ދެއްކި އެވެ. ހަނާ ބުނީ އޭރު އެކަމަށް އެއްބަސްވީ އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލު ކުރެވިގެން އަމިއްލަ ނަފްސު ކުށްވެރި ކުރެވުމުން ކަމަށް ކަމަށެވެ. އެކަމަކު، މިހާރު އެގޮތަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"އަސްލު އަމިއްލަ ސެލްފަށް ބްލޭމް ކުރެވުނީ އެގޮތަށް ކަންތައްތައް ވެފައި ހުރީމާ. އެކަމަކު އަސްލު ވިސްނާލާއިރު އެނގޭ އަޅުގަނޑު މިހާރު އައިސްފައި އިންނަ ސެންޓެންސަކީ އަޅުގަނޑަށް ޑިޒާވް ސެންޓެންސެއް ނޫން،" ހަނާ ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހަނާއަށް މަރުގެ އަދަބު ނުދެވޭނެ ސަބަބެއް ނެތެވެ. އެއީ ނަޖީބުގެ ވާރިސުންގެ މަރަށް މަރު ހިފަން ބޭނުންވުމާއި ހަނާއަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމުގެ އިތުރުން އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ފަދަ ހާލަތެއް އޮތްކަން ހަނާއަށް ސާބިތުކޮށް ނުދެވޭތީ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ނަޖީބު މަރާލުމުގައި ހަނާ ބަައިވެރިވި ކަމަށް އޭނާ އަމިއްލައަށް ދަށު ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށެވެ. މީހަކު މަރާލަން ރޭވުމަށްފަހު، އެކަން އެގޮތަށް ތަންފީޒު ކުރުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު ހިފުމުގެ އަދަބު ދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށާއި އެއީ ތަމާލުއުގެ އުސޫލު ކަމަށް ދައުލަތުން ބުންޏެވެ.
ނަޖީބު މަރާލަން ދުރާލާ ރޭވިކަން ހަނާގެ އަމިއްލަ އިއުތިރާފުން ސާބިތުވާއިރު، ނަޖީބުގެ އަތާއި ފައި ގޮނޑިއެއްގައި ބަދެފައިވަނީ ހަނާ ކަމަށްވާތީ ނަޖީބަށް އަމިއްލަ ނަފްސު ދިފާއު ނުކުރެވޭނެ ގޮތް ހެދީ ކަމަށް ހަނާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ދައުލަތުން އެދުނީ ހަނާ މަރަން ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.
ހަނާގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ ޓޭޕް އެޅުމަކީ ނަޖީބު މަރުވުމަށް މެދުވެރިވި ސަބަބެއް ނޫން ކަމަށާއި އޭނާ މަރުވީ ވަޅި ހެރުމުން ކަމަށެވެ. އެހެންވެ، ހަނާ ކުރި އެއްވެސް އަމަލަކުން މީހަކު މަރުވެފައި ނުވާ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށްދޭން އޭނާ އެދިވަޑައިގަތެވެ.
ދައުވާގެ ސިފަ އިސްތިއުނާފު މަރުހަލާގައި ބަދަލު ކުރެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ވަކީލް ޝާފިއު ވިދާޅުވީ ދައުވާގެ ސިފަ އިސްތިއުނާފް މަރުހަލާގައި ބަދަލު ނުކުރެވޭނެ ކަމަށެވެ. އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާއިން އެހެން ކުށެއް ހަނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ ނަމަ، އިސްތިއުނާފްގެ ހައްގުު ގެއްލޭނެ ކަމަށާއި އެހެންވެ، ދައުވާގެ ސިފަ ބަދަލު ކުރެވޭނީ ދަށު ކޯޓުގެ މަރުހަލާއިން ކަމަށް ޝާފިއު ވިދާޅުވި އެވެ،
އެއީ އިސްތިއުނާފުގެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައަކީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލައެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އެ ހާލަތުގައި ވެސް، އެ މައްސަލަ އަލުން ބެލުމަށްޓަކައި ތަހުވީލު ކުރެވިދާނެ ކަމަށް ދެކެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ވަކީލް ޝާފިއު ވިދާޅުވީ މި މަރުހަލާގައި ބަލަން ޖެހޭނީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅުތޯ ނުވަތަ ނޫންތޯ އެކަނި ކަމަށާއި އަލުން ބެލުމަށް ތަހުވީލު ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ މައްސަލަ އަލުން ބެލުމަށް ތަހުވީލު ކުރެވިދާނެ ކަމަށް ދެކޭ ކަމަށެވެ.
ދައުލަތުން ބުނީ ހުކުމުގެ ސައްހަކަން ކަށަވަރުކުރާ މައްސަލަތަކަކީ އިސްތިއުނާފް މައްސަލަތަކަކަށް ނުވިޔަސް، އެ މައްސަލަ އަލުން ބެލުމަށްޓަކައި ތަހުވީލު ކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓަށް ފެނިއްޖެ ނަމަ އެ މައްސަލަ ދަށު ކޯޓަށް އަލުން ފޮނުވިދާނެ ކަމަށް ދެކޭ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫން ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
މުއްރަތު މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި ވަނީ ތާއީދު ކޮށްފަ އެވެ. އެކަމަކު އެ ހުކުމް މިހާތަނަށް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
މިރުޒާގެ މަރު: މަރުގެ އަދަބުން ސަލާމަތްވެއްޖެ
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް
މަރަން ހުކުމްކޮށްފައި ވަނިކޮށް ވާރިސުން މާފުދީފި
ޝުހާދުގެ މަރުގެ މައްސަލަ ސުޕްރީމްކޯޓުން ހުކުމާ ހަމައަށް