Roadha Mihaaru

އައިކޮމްގެ ނިންމުމާ ފުށުއަރާ ގޮތަށް ލިއުން ފޮނުވުމުން އެޗްއާރުސީއެމުން ކަންބޮޑުވެއްޖެ

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބުނު މީހުންގެ ހައްގު ހޯދަން ހައުސިން މިނިސްޓްރީ އާއި އެޗްއާރުސީއެމްއާ ގުޅިގެން ކުރި މަސައްކަތްތަކުގެ ލިއުން ހޯދަން ފަހި ޔޫނިއަން އިން ހުށަހަޅައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދިޔަ މައްސަލައިގެ ނިންމުމާ ފުށުއަރާ ގޮތަށް، އެތަނުން އެޗްއާރުސީއެމަށް ރިޕޯޓް ފޮނުވުމުން ކަންބޮޑުވެއްޖެ އެވެ.

"އައިކޮމް އިން ލިއުން ފޮނުވީ ނިންމުމާ ފުށުއަރާގޮތަށް"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 މެއި 2025

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބުނު މީހުންގެ ހައްގު ހޯދަން ހައުސިން މިނިސްޓްރީ އާއި އެޗްއާރުސީއެމްއާ ގުޅިގެން ކުރި މަސައްކަތްތަކުގެ ލިއުން ހޯދަން ފަހި ޔޫނިއަން އިން ހުށަހަޅައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދިޔަ މައްސަލައިގެ ނިންމުމާ ފުށުއަރާ ގޮތަށް، އެތަނުން އެޗްއާރުސީއެމަށް ރިޕޯޓް ފޮނުވުމުން ކަންބޮޑުވެއްޖެ އެވެ.

ފަހި ޔޫނިއަން އާއި އެޗްއާރުސީއެމުން އައިކޮމް އަށް ހުށަހެޅި މައްސަލައިގެ ނިންމުން އިއުލާން ކުރުމަށް އައިކޮމް އިން މިދިޔަ އޭޕްރީލް 28 ގައި ބޭއްވި ބައްދަލުވުމުގައި ކަނޑައެޅީ އެޗްއާރުސީއެމަަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ އިދާރާ އިން ފޯރުކޮށްދިން މައުލޫމާތުގެ ތެރެއިން މައުލޫމާތަށް އެދުނު މީހުން ހިތްހަމަނުޖެހޭ ކަމަށް އިލްތިމާސްގައި ފާހަގަކޮށްފައިވާ މައުލޫމާތު ހުށަހެޅުމުގައި ހޯދަން އެދިފައިވާ މިންވަރަށް އެ އިދާރާ އިން ދޫކޮށްފައިވާ ކަމަށް ކަނޑައަޅާ އެ އިލްތިމާސް ބަލަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ ހުށަހަޅާފައިވާ ލިއުންތަކާއި އިލްތިމާސް ބެލުމަށް ބޭއްވި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

އެ މައްސަލައިގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ މަހުގެ 17ގަ އެވެ. އެކަމަކު އެ ކޮމިޝަނާ ލިޔުމުން ހިއްސާކޮށްފައިވާ ނިންމުމުގައި އޭޕްރީލް 24ގެ ތާރީހު ޖަހާފައިވީ ނަމަވެސް އެ ނިންމުން އައިކޮމް އިން އެޗްއާރުސީއެމާ ހިއްސާކުރީ ބައްދަލުވުން ބޭއްވިތާ 26 ދުވަސް ފަހުން މި މަހުގެ 25 ގައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި މައްސަލަ ނިންމަން އޭޕްރީލް 28 ގައި ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރާ ހަވާލާދީ، އެ އޮފީހުން ނިންމި ނިންމުމާއި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރި އެ ނިންމުމުގެ ލިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަ ހުއްޓެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރި ނިންމުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ ކޮމިޝަނުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެ މާއްދާއާ އެ ކޮމިޝަނުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެ ސަބަބަށްޓަކާ "ހޯދުމަށް އެދިފައިވާ މައުލޫމާތުގެ ތެރެއިން ކޮމިޝަނާއި މިނިސްޓްރީން އެ މަޝްރޫއުއާ ބެހޭ ގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ބަދަލުކޮށްފައިވާ ލިޔެކިޔުންތައް، އިދާރާގައި ހުރިކަން ނުވަތަ ނެތްކަން ލިޔުމުން ރަސްމީ 5 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް އަންގާ" ކަމަށް ބަޔާންކޮށްފައިވާ ކަމަށެެވެ.

އެޗްއާރުސީއެމްގެ މެމްބަރުން.-- ފޮޓޯ/އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ މެމްބަރުން.-- ފޮޓޯ/އެޗްއާރުސީއެމް

އެ އެންގުމަކީ މިދިޔަ މަހުގެ 28 ގައި މައްސަލަ ނިންމިއިރު އިއްވި ނިންމުމުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ނިންމުން ނިންމި ތާރީހުގައި ނިންމުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ކޮމިޝަނަށް އެ އޮފީހުގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. މައްސަލަ ނިންމުމަށް ބޭއްވި ބައްދަލުވުމުގައި އިއްވާފައިވާ ނިންމުމަށް ރިއާޔަތްކުރާއިރު ކޮމިޝަނުން އިތުރަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

ކޮމިޝަނަށް ލިޔުމުން ހިއްސާކުރި ނިންމުމުގައި ބަޔާންކޮށްފައިވާ ފަދައިން ވަކި ކަމެއް އިދާރާއަކުން ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް އަންގާ ހާލަތުގައި ނިންމުންތައް ނިންމާ ދުވަހު މައްސަލާގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އެ ދުވަހު ނުވަތަ ވީއެންމެ އަވަހަށް ނިންމުން ހިއްސާކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކުރި އެވެ.

އެކަމަކު އެ މައްސަލާގައި ނިންމުން ލިބިފައި ވަނީ 26 ދުވަސް ފަހުން ކަމުން، މައްސަލައިގެ ނިންމުމުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށް ލިބޭ 5 ދުވަހުގެ މުއްދަތު ފަހަނައަޅާ ގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެެވެ.

އެޗްއާރުސީއެމުން ބުނީ ފަހި ޔޫނިއަނުން ހުށަހެޅި މައްސަލާގައި ކަންހިނގި ގޮތަށް ބަލާއިރު އެ އިލްތިމާސް ހުށަހަޅާފައިވާ ފަރާތުން މައުލޫމާތަށް އެދި ހުށަހެޅީ 17 އޮގަސްޓް 2024 ގައި ކަމަށެވެ. އެ ޔޫނިއަނުން އެދުނީ ގެދޮރުވެރިޔާ ހައުސިން މަޝްރޫއުއާ ގުޅިގެން ފްލެޓް ގެއްލުނު ފަރާތްތަކުގެ ހައްގު ހޯދުމަށް ހައުސިން މިނިސްޓްރީއާ އެކު އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ލިޔެކިޔުންތަކާއި ހާއްސަކޮށް، ލިސްޓު ބާތިލުނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމުގެ ލިޔުމަށް އެދިފައިވެ އެވެ.

"އިސްވެ ހަވާލާދީފައިވާ ދެ ޖަވާބުން ވެސް އެދިފައިވާ މައުލޫމާތުތަކަކީ މި ކޮމިޝަނުގައި ހުރި މައުލޫމާތުތަކެއްކަން ދޭހަވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 28 އޭޕްރިލް 2025 ގައި ބާއްވާފައިވާ ބައްދަލުވުމުގައި އިއްވާފައިވާ މައްސަލައިގެ ނިންމެވުމުގައިވެސް މައުލޫމާތަށް އެދުނު ފަރާތުން ހިތްހަމަނުޖެހޭ ކަމަށް ފާހަގަކުރައްވާފައި ވީނަމަވެސް އެ ހުށަހެޅުމަށް ގާނޫނު ނަމްބަރު 1/2014 މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖަވާބުދޭންޖެހޭ މިންވަރަށް މި ކޮމިޝަނުން ޖަވާބުދީފައިވާކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަން ފާހަގަކުރަމެވެ." ބަޔާނުގައި ބުންޏެވެ.

އެ ހުށަހެޅުމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިފައިވާ މައުލޫމާތަކީ އެ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅުންހުރި ލިޔެކިޔުންތަކެއް ކަމަށާއި އެ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ނިންމުމުން މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު އަރުވާނެ ކަމަށް ބުނެ ސެޕްޓެމްބަރު 3، 2024 ގައި އެ މައުލޫމާތަށް އެދުނު ފަރާތަށް އެންގި އެވެ.

އެކަމަކު އެ ނިންމުން މުރާޖައާ ކުރުމަށް އެދި ހުށަހެޅުމުން އޮކްޓޫބަރު 8، 2024 ގައި މުރާޖައާ ކޮމިޓީން މައުލޫމާތަށް އެދި ހުށަހަޅާފައިވާ ފަރާތަށް ދީފައިވާ ޖަވާބުގައި އިންފޮމޭޝަން އޮފިސަރު ދީފައިވާ މައުލޫމާތު ރަނގަޅު ކަމަށް ކަނޑައަޅައަޅާފައިވާ ކަމަށް ކޮމިޝަނުން ބުންޏެެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ވެސް ވަނީ ނޮވެމްބަރު 9، 2024 ގައި އެ މައުލޫމާތަށް އެދުނު ފަރާތާ ހިއްސާކޮށްފައި ކަމަށް ބުންޏެވެ.