Roadha Mihaaru
ފްލެޓު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ނެތް

ފްލެޓު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ނެތް

24 ޑިސެމްބަރ 2016

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުން ޕޭމަންޓަށް ލުއި ގޮތެއް ހަދައިދޭން އެދި ކަމާ ގުޅޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހެޅިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އެ މީހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުން ޕޭމަންޓަށް ލުއި ގޮތެއް ހަދައިދޭން އެދި ކަމާ ގުޅޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހެޅިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އެ މީހުން ބުނެފި އެވެ.

ފްލެޓް ލިބޭ 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަނާ އެކު ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަމުގައި ސިޓީއެއް ވެސް ލި އެވެ.

ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ކަމާ ގުޅޭ އެހެން އިދާރާތަކަށް، އެ މީހުން ޕެޓިޝަން ހުށަހެޅީ "ފްލެޓް ހޯދައިދިނުމަށް އެދި ކުރާ އާދޭހެއް"ގެ ގޮތުގަ އެވެ.

އެކަމަކު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސްް ރައީސް އޮފީސް ފިޔަވައި އެހެން އެއްވެސް އިދާރާއަކުން ޖަވާބެއް ނުލިބެ އެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ފިޒާނާ ރަޝީދު ބުނީ ޕެޓިޝަނާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޖަވާބަކަށް އޮތީ އެ މައްސަލާގައި ހައުސިން މިނިސްޓްރީއަށް ދާން އެދޭ ކަމަށެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓް- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓް- ފޮޓޯ: ނިޝާން އަލީ/މިހާރު

"ރައީސް އޮފީހުން ބުނަނީ ހައުސިން މިނިސްޓްރީއަށް ދިޔުމަށް. މިކަމުގައި ކުރިން ހައުސިން މިނިސްޓްރީ އަށް ދިޔުމުން ބުނީ އެޗްޑީސީއަށް ދާން. އެޗްޑީސީން ބުނަނީ ހައުސިން މިނިސްޓްރީއަށް ދާން،" ލޯނު ނެގެން ނެތުމުގެ ސަބަބުން ލިބުނު ފްލެޓް ގެއްލިދާނެ ކަމުގެ ބިރުގައި އުޅެމުން އަންނަ ފިޒާނާ ބުންޏެވެ.

"ރަމަން ރަމަން ފޯލި އެ މީހުން ކުޅެނީ."

ފްލެޓެއްގެ އަގު ކަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ. މިއީ ފްލެޓް ލިބުނު މީހުންނަށް ކުރިން ކަނޑައެޅި ޝަރުތުތަކަށް ވުރެ މާ ބޮޑު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.

ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނު ލިބެން އެބަ އޮތެވެ. އެކަމަކު 20 ޕަސެންޓްގެ ޑައުން ޕޭމަންޓް ކަމަށްވާ 400،000ރ ދެއްކޭނެ ގޮތެއް އަދި 2 މިލިއަން ރުފިޔާގެ ލޯނަކަށް ޝަރުތު ހަމަވާ އާމްދަނީއެއް، ފްލެޓް ލިބުނު ގިނަ މީހުންގެ ނެތެވެ.

ފްލެޓަށް ލިބޭ 2 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ޖެހެ އެވެ.

ފިޒާނާ ބުނި ގޮތުގައި ޕެޓިޝަނުގެ ޖަވާބު ހޯދަން އެޗްއާރުސީއެމަށް ގުޅުމުން ބުނީ އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފުތާގައި ޖަވާބެއް ދޭނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ އެއްވެސް ޖަވާބެއް އަދި ނުލިބެ އެވެ. އެހެންކަމުން ފްލެޓް ލިބުނު މީހުން ނިންމާފައިވަނީ މާދަމާ އެ އިދާރާއަށް އަނެއްކާވެސް ދާށެވެ. މީގެ ކުރިން ދެ ތިން ފަހަރެއްގެ މަތިން އެ ދެ އޮފީހަށް ގޮސް، އެ މީހުންގެ ޝަކުވާތައް ވަނީ ހުށަހަޅާފަ އެވެ.