Roadha Mihaaru
ކަމާގުޅޭ އިދާރާތަކަށް ފްލެޓް ލިބުނު މީހުންގެ "އާދޭސް"

ކަމާ ގުޅޭ އިދާރާތަކަށް، ފްލެޓް ލިބުނު މީހުންގެ "އާދޭސް"

11 ޑިސެމްބަރ 2016

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް އެ ފްލެޓް މިލްކު ކުރުމަށް ލޯނެއް ނެގެން އޮތީ 400،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކައިގެން ކަމުން، އެއަށް ވުރެ ފަސޭހަގޮތެއް ހަދައިދިނުމަށް އެދި "އާދޭސް"ގެ ނަމުގައި ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް އެ ފްލެޓް މިލްކު ކުރުމަށް ލޯނެއް ނެގެން އޮތީ 400،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކައިގެން ކަމުން، އެއަށް ވުރެ ފަސޭހަގޮތެއް ހަދައިދިނުމަށް އެދި "އާދޭސް"ގެ ނަމުގައި ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.

މި ޕެޓިޝަނުގައި އިއްޔެ 100 މީހުން ސޮއިކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު ބަޔަކު ސޮއިކުރާނެ ކަމަށް ވެ އެވެ. މި ޕެޓިޝަނާއެކު އެ އެންމެންގެ ވަކިވަކި ސިޓީތަކެއް ވެސް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަރިޔަމް ފިޒާނާ ރަޝީދު ބުނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން މަސް ދުވަހުގެ ތެރޭގައި ޑައުންޕޭމަންޓު ނުދެއްކޭ މީހުންގެ ސޮއި ހިމަނައިގެން، މި ލިޔުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމީ އާދޭހެއްގެ ގޮތުގައި ކަމަށެވެ.

"މިއަށް ޕެޓިޝަނޭ ކިޔަން ވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ. މިއީ ބައެއްގެ ވަރަށް ބޮޑު އާދޭހެއް،" އޭނާ ބުންޏެވެ.

މި ޕެޓިޝަން ހުށަހަޅަން ނިންމާފައިވަނީ ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އާއި ރައީސް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ކަމާ ބެހޭ އިތުރު އިދާރާތަކަށް، އަންނަ އަންގާރަ ދުވަހު އެވެ.

ގާކޮއްޓާއި އަރަބިއްޔާ ސްކޫލު ހުރި އިމާރާތުގައި އަޅާ ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ 2 މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.

މީގެ އިތުރުން އެންމެ ކުޑަ އިންޓަރެސްޓާ އެކު ވެސް، ފްލެޓަކަށް 20 އަހަރުގެ ތެރޭގައި ޖުމުލަ 3.4 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ލޯނު ލިބެން އޮތީ ޑައުންޕޭމަންޓު ދައްކައިގެން ނަމަވެސް، ޕެންޝަން ފަންޑުންނާއި އެހެން ގޮތްގޮތުން ވެސް އެ ފައިސާ ހަމަނުޖެހޭތީ، ފްލެޓް ލިބުނު ގިނަ ބަޔަކު ތިބީ، އިމާރާތް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރުގަ އެވެ.

މިކަމަށް ސަރުކާރުން އަދި ލުއި ގޮތެއް ހަމަޖައްސާފައި ނެތް ނަމަވެސް، އެޗްޑީސީން ބުނަމުން އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ލޯނު ނެގުމަށް އަންގާފައިވަނީ، ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާއި ނުދެއްކޭނެ މީހުން ޔަގީން ކުރުމަށް ކަމަށެވެ. އަދި ނުދެއްކޭނެ މީހުންނަށް އިތުރު އެހެން ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް އެގޮތެއް ސާފެއް ނުކޮށްދެ އެވެ.

މިކަމާ ގުޅިގެން، ކަންބޮޑުވެފައިވާ ރައްޔިތުން ވަނީ ދެ ފަހަރެއްގެ މަތިން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.