މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ މިއަދު ވަކިކޮށްފި އެވެ.
25 މެއި 2025
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ މިއަދު ވަކިކޮށްފި އެވެ.
އެ މަގާމުން އޭނާ ވަކިކުރިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ކަމަކު އެ ފިޔަވަޅު އެޅި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު ވެސް "މިހާރު" އިން ގުޅުން ފޯނެއް ނުނަންގަވަ އެވެ.
ޒީނިޔާ އެ މަގާމުން ވަކިކުރި އިރު، މިދިޔަ ހަފުތާގައި އޭނާ ވަނީ ތިން ދުވަހަށް ސަސްޕެންޑު ވެސް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އަދި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ.
ޒީނިޔާއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަންކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު 2015 ގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅެކެވެ. އެކަމަކު، ވަކި ހިސާބަކުން ޒީނިޔާގެ ނަން އަނބުރާ ސަރުކާރުން ގެންދިޔައީ އެވެ.
ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމްކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
އޭގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތް އިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވެ އެވެ.
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ހަތް ދުވަހަށެވެ.
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ބްރޯޑްކޮމްއިން ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
ބްރޯޑްކޮމްގެ އެސްޖީ ކަމަށް ހުޅުވާލައިފި
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
ބްރޮޑްކޮމްގެ ސާވާގެ މައްސަލަ ހައްލުކުރީ ފުލުހުން
ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހި މުވައްޒަފުން ގެއަށް
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް 3 ދުވަހަށް ސަސްޕެންޑު
ބްރޯޑްކޮމްގައި މަސައްކަތްކުރަން ދަތިވާތީ ޕެޓިޝަނެއް!
ބްރޯޑްކޮމް މެމްބަރު މުހަންމާ ޕީއެންސީގެ ސެނެޓަށް