Roadha Mihaaru

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑުކޮށްފި

މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް 3 ދުވަހަށް ސަސްޕެންޑު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 މެއި 2025

މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

އެ ކޮމިޝަންގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ޒީނިޔާ ސަސްޕެންޑުކުރީ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުން ތިން ދުވަހަށް ކަމަށެވެ.

އޭނާ ސަސްޕެންޑުކުރީ އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވިގެންނެވެ.

ޒީނިޔާއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު 2015 ގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅެކެވެ. އެކަމަކު، ވަކި ހިސާބަކުން ޒީނިޔާގެ ނަން އަނބުރާ ސަރުކާރުން ގެންދިޔައީ އެވެ.

ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔާ ސަސްޕެންޑު ކުރިއިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް މިިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.

އޭގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.

ކޮމިޝަންގެ މެމްބަރުންގެ ފަރާތުން އެ މުވައްޒަފުން ހަތް ކަމެއް އެދިފައިވެ އެވެ. އޭގެ ތެރޭގައި މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުމާއި ރުޅިވެރިކަމާއި ޒާތީވުމާއި މުވައްޒަފުންނަށް ނަފްސާނީގޮތުން ކުރާ ގޯނާ ހުއްޓާލުން ހިމެނެ އެވެ.