Roadha Mihaaru

ބްރޯޑްކޮމް މެމްބަރު މުހަންމާ ޕީއެންސީގެ ސެނެޓަށް

މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަލާ ބްރޯޑްކާސްޓިން ކޮމިޝަނަށް މި ފަހުން އައްޔަންކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް ރޭ އައްޔަންކުރައްވައިފި އެވެ.

ބްރޯޑްކޮމް މެމްބަރު މުހަންމާ ޕީއެންސީގެ ސެނެޓަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 މެއި 2025

މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަލާ ބްރޯޑްކާސްޓިން ކޮމިޝަނަށް މި ފަހުން އައްޔަންކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް ރޭ އައްޔަންކުރައްވައިފި އެވެ.

ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް ޕީއެންސީ އޮފީހުގައި ރޭ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވެ އެވެ.

އެ ހަރަކާތުގައި، ބްރޯޑްކޮމް އަށް މިދިޔަ ޖެނުއަރީ 21 ގައި އައްޔަންކުރެއްވި މުހަންމާއަށް ވެސް ވަނީ ޕީއެންސީގެ ސެނެޓަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން މަނާކޮށްފައެއް ނުވެ އެވެ. އޭގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއްގައި ހުރި މީހަކަށް، ބްރޯޑްކޮމްގެ މެމްބަރަކަށް ނުވެވޭނެ ކަމަށެވެ.

އެކަމަކު، ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދީފައިވާ ކޮމިޝަނެއްގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަކީ އެ މެމްބަރާއި ކޮމިޝަންގެ ނަޒާހަތްތެރިކަމާއެކު ސުވާލު އުފެދޭނެ ކަމެކެވެ.

އަދި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ނިންމުންތަކުގެ ބައިވެރިވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭރު ތިއްބެވި ބްރޯޑްކޮމްގެ މެމްބަރުން ފާޅުގައި ވެރިކަން ކުރެއްވި ޕީޕީއެމްގެ ޖަލްސާތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އެ މައްސަލައިގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމުން ފާތުމަތު ޒޭނާ ވަކިކުރަން ވެސް މަޖިލީހަށް އޭރު ހުށަހެޅި އެވެ.