Roadha Mihaaru

ބާސެލޯނާ އިން ލުއިޒް ޑިއާޒް ގެންނަން މަސައްކަތްކުރަނީ

ލިވަޕޫލުގެ ކޮލަމްބިއާ ވިންގާ ލުއިޒް ޑިއާޒް ގަތުމަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން ލުއިޒް ޑިއާޒް ގެންނަން މަސައްކަތްކުރަނީ

ލިވަޕޫލުގެ ކޮލަމްބިއާ ވިންގާ ލުއިޒް ޑިއާޒް ގަތުމަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ މާލީ ހާލަތު އަދި މުޅިން ހަމަޔަކަށް ނޭޅޭތީ އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހަރަދުކުރާނެ އަދަދެއް ސީދާ ނޭގެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސްޕޯޓިން ޑިރެކްޓަރު ޑެކޯ ވަނީ މިހާރު ވެސް ޓްރާންސްފާތައް ރާވަން ފަށައިފަ އެވެ.

ޑިއާޒް ވެސް ބާސެލޯނާއާ ގުޅެން ޝައުގުވެރިވި އެވެ. އަނެއްކޮޅުން ކޮންޓްރެކްޓުގައި ބާކީ އޮތީ ދެ އަހަރު ކަމުން ލިވަޕޫލުން ވެސް އޭނާ ވިއްކާލަން ފަހެއް ނުޖެހޭނެ އެވެ. ލިވަޕޫލުން އޭނާ ވިއްކާލާނީ މާކެޓް ރޭޓަށް ބަލާއިރު މަދުވެގެން 85 މިލިއަން ޔޫރޯ އަށެވެ. ލިވަޕޫލުން އޭނާގެ ބަދަލުގައި އޮލިމްޕިކް ލިޔޯންގެ މަލިކް ފޮފާނާ ގެންނަން މަސައްކަތްކުރާ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

ބާސެލޯނާ އިން ވިންގެއް ހޯދާއިރު އެ ޓީމުގައި މިހާރު ވެސް އެ މަގާމަށް ކުޅެން ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިން ކަމަށްވާ، ރަފީނިއާ އާއި ލަމީން ޔަމާލް އެބަތިއްބެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޑިއާޒް ގެންނަން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބޭނުންވަނީ އަރިމަތި ބެލެންސްކުރުމަށެވެ. ރަފީނިއާ އަކީ ސެންޓްރަލީ އެޓޭކްކުރާ ކުޅުންތެރިއެއް ކަމުން، ދުވެލި ބާރު އަދި ޑިފެންޑަރުން ކައިރިން ދެމި ގަނެވޭނެ ފަދަ އިތުރު ވިންގެއް ފްލިކް ބޭނުންވަނީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އިން ކުރިން ޝައުގުވެރިވި އެއް ކުޅުންތެރިޔަކީ އެތުލެޓިކް ކްލަބުގެ ސްޕެއިން ވިންގާ ނިކޯ ވިލިއަމްސް އެވެ. އެކަމަކު އޭނާ ގެންދަން މިހާރު މަސައްކަތްކުރަނީ ރެއާލް މެޑްރިޑާއި، އާސެނަލުން ކަމަށް ޓްރާންސްފާ ހަބަރުތައް ބުނެ އެވެ.