Roadha Mihaaru

ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗަޕާކެއް ހަދަން އެމްޓީޑީސީއަށް

ހިމާޔަތްކޮށްފައިވާ އަދި ގުދުރަތީ ގޮތުން މުއްސަނދިކަން ލިބިފައިވާ ދެ ރަށް ކަމަށްވާ ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި ނޭޗާޕާކެއް ހަދަން ސަރުކާރުން އެމްޓީޑީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗަޕާކެއް

ހިމާޔަތްކޮށްފައިވާ އަދި ގުދުރަތީ ގޮތުން މުއްސަނދިކަން ލިބިފައިވާ ދެ ރަށް ކަމަށްވާ ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި ނޭޗާޕާކެއް ހަދަން ސަރުކާރުން އެމްޓީޑީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒެވެ. އެމްޓީޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒެވެ.

ސޮއިކުރުމުގެ ހަފުލާގައި ފާއިޒު ވިދާޅުވީ، ކޭލަކުނާއި ފަރުކޮޅުގައި ނޭޗާޕާކެއް ހަދަނީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާޕާކް ހެދުމާއި އުތުރުގައި ޓޫރިޒަމް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށް ވާތީ ކަމަށެވެ. ކޭލަކުނާއި ފަރުކޮޅުއަކީ ވެސް ހިމާޔަތް ކޮށްފައިވާ ދެ ރަށް ކަމަށް ވާތީ ނޭޗާޕާކު ހަދާނީ އެ މަގުސަދު ނުގެއްލޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކުރިއަށް ގެންދިއުމުގައި އެ ހިސާބުގެ ރައްޔިތުންނަށާއި ޓޫރިޒަމް ދާއިރާ އަށް މަންފާވާ ގޮތަށް، ރާއްޖޭގެ އިގުތިސާދަށް ވެސް މަންފާވާ ގޮތަށް އެހެން ނަމަވެސް އެ ހިމާޔަތް ކުރެވިފައިވާ މަގުސަދު ނުގެއްލޭ ގޮތަށް އެ ކަން ކުރިއަށް ގެންދިއުމަކީ މި ފަހުނާމާގައި ހިމެނޭ އެއް ކަންތައް،" ފާއިޒު ވިދާޅުވި އެވެ.

އެމްޓީޑީސީގެ އެމްޑީ ނިޔާޒު ވިދާޅުވީ، އެ ކުންފުނިން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ކޭލަކުނާއި ފަރުކޮޅުގައި ނޭޗަޕާކު ހަދާނެ ގޮތުގެ ކޮންސެޕްޓެއް އެކުލަވައިލުން ކަމަށެވެ. އޭނާ ވެސް ވިދާޅުވީ، އެއީ ހިމާޔަތް ކޮށްފައިވާ ދެ ރަށް ކަމަށް ވާތީ ނޭޗާޕާކު ހަދާނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް އަދި ރާއްޖޭގެ އިގުތިސާދަށް އެންމެ ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަކަށް ކަމަށެވެ.

"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގައި މި މަސައްކަތް [ކޮސެޕްޓެއް ހެދުން] ފަށާނަން. އެ އަށް ފަހުގައި އަޅުގަނޑުމެން ސަރުކާރާ އެކު އަދި ކަމާ ގުޅޭ އެހެން ފަރާތްތަކާ ވެސް އެކު ކުރަންޖެހޭ މަޝްވަރާތަކަށް ފަހު، އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ކޭލަކުނާއި ފަރުކޮޅުގައި އިކޯ ޓޫރިޒަމްގެ ދަށުން ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ ކަންކަން ކުރުމަށް ފަހު ޓޫރިޒަމަށް ހުޅުވާލާނަން،" ނިޔާޒު ވިދާޅުވި އެވެ.

ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ކޭލަކުނު ހިމާޔަތްކުރީ ޑިސެމްބަރު 2018 ގަ އެވެ. ތަފާތު ހަތް ކުޅިއެއް ހިމެނޭ އަދި ޗަސްބިން ވެސް ބޮޑު ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅީ އޮކްޓޫބަރު 2018 ގަ އެވެ.

ރާއްޖެއިން ނެތިދިއުމުގެ ބިރު އޮތް ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ރަނޑޫ، ބުރެވި، ތަކަފަތި ފަދަ ގަސްތައް ވެސް ގިނަ އަދަދަކަށް ފަރުކޮޅުގައި ހުރެ އެވެ. އަދި ރަށުގެ ގުދުރަތީ މުއްސަނދިކަން ބޮޑުކަމުން އެކި ވައްތަރުގެ ދޫނިތަކުގެ މަންޒިލަކަށް ވެސް ފަރުކޮޅުވެ އެވެ.