Roadha Mihaaru

ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް މަގުޗާޓެއް އިފްތިތާހުކޮށްފި

ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް ނުވަތަ "އޯޝަން އެކައުންޓްސް" އެކުލަވާލުމަށް މަގުޗާޓެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް މަގުޗާޓެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖޫން 2025

ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް ނުވަތަ "އޯޝަން އެކައުންޓްސް" އެކުލަވާލުމަށް މަގުޗާޓެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެ މަގުޗާޓު އިފްތިތާހުކޮށްދެއްވީ، ފްރާންސްގައި މިހާރު ކުރިއަށް ގެންދާ އދ. ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާޓްނާޝިޕާއެކު އިންތިޒާމުކުރި ސައިޑް އިވެންޓެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަސް އަހަރަށް އެކުލަވާލި އެ މަގުޗާޓް ބެހިގެންވަނީ މައިގަނޑު ތިން ލަނޑުދަނޑިއެއްގެ މައްޗަށް ކަމަށެވެ. އެއީ؛

• އޯޝަން އެކައުންޓްސްގެ މަސައްކަތް ކުރުމަށް ފުރަތަމަ މަރުހަލާގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުން.

• 2028 ވަނަ އަހަރު ނިޔަލަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ނިންމުން.

• 2030 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރަން ފެށުން.

ރާއްޖޭގެ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގައި އުޅޭ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަމަށާއި ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން އެ މަގުޗާޓު އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އޯޝަން އެކައުންޓްސްއަކީ ކަނޑާއި އައްސޭރިފަށުގެ ގުދުރަތީ ނަސްލުތަކާއި މާހައުލީ ނިޒާމުތައް ގުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި މިންކޮށް، އެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ، އެކަމުން ލިބޭ އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ދެމެހެއްޓެނިވި ތަރައްގީގައި ބައްޓަން ކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.

ކޮންމެ ދެ އަހަރަކުން ބާއްވާ އދ. ގެ އޯޝަން ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ.