Roadha Mihaaru

ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމުން ރައީސް ކުށްވެރިކުރައްވައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް އެ ހަމަލާތައް ކުށްވެރިކުރައްވައި ހަމަލާ ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ހަމަލާތައް ވަރުގަދަކުރުމުން ރައީސް ކުށްވެރިކުރައްވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 މެއި 2025

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް އެ ހަމަލާތައް ކުށްވެރިކުރައްވައި ހަމަލާ ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ 200 އެއްހާ މީހުން ޝަހީދުކޮށްލައިފަ އެވެ. އަލުން ހަމަލާތައް ފަށާފައި މިވަނީ "ހަމާސް ނައްތާލަން" ކަމަށް ބުނެ އެވެ. އެހެންވެ، މިހާރު ފަށާފައިވާ އާ އޮޕަރޭޝަނަކީ އޭގެ ފުރަތަމަ މަރުހަލާ ކަމަށް އެ ގައުމުން ބުނެ އެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ރައީސް އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ހުއްޓާނުލާ ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސް ގޮވާލެއްވީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް، ޣައްޒާގެ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަމަލުތަކަށް އެ ގައުމު ޒިންމާދާރުކުރުވަން ޖެހެ އެވެ.

ފެށުނީއްސުރެ ވެސް ރާއްޖެއިން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ ގައުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ވެސް ވަކާލާތު ކުރަމުންނެވެެ. އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވެސް މަނާކޮށްފަ އެވެ.

ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިޒްރޭލުން ހުއްޓުވާފައި އޮންނަތާ އެތައް މަހަކަށް ފަހު މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.

އެ މައްސަލާގައި ކުރިން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް އޭނާ ބުނެ އެވެ.