Roadha Mihaaru
ހަމަލާ ހުއްޓާލުމުގެ ގަރާރު ތަންފީޒުކުރަންޖެހޭ: ރައީސް

ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ތަންފީޒުކުރަން ރާއްޖޭން ގޮވާލައިފި

26 މާޗް 2024

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަށް މަރުހަބާ ކިޔައި އެ ގަރާރު ފުރިހަމަޔަށް ތަންފީޒުކުރުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަށް މަރުހަބާ ކިޔައި އެ ގަރާރު ފުރިހަމަޔަށް ތަންފީޒުކުރުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ މަޖިލީހުން މިފަދަ ގަރާރެއް ފާސްކުރުން މާބޮޑަށް ލަސް ވެސް ވެއްޖެ ކަމަށެވެ.

"ރާއްޖޭން މި ގޮވާލަނީ މި ގަރާރު ފުރިހަމައަށް ތަންފީޒުކޮށް އަދި އިޒްރޭލުން މި ގަރާރަށް ފުރިހަމަޔަށް ބޯ ލެނބުމަށް،" ރައީސް ލިޔުއްވާފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދަކީ ވެސް މި ބަރަކާތްތެރި ރަމަޟާން މަހުގެ ހަގީގީ ރޫހު ޣައްޒާގެ ރައްޔިތުންނަަށް ގެނެސްދޭނެ ކަމެކެވެ.

"މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމަށް އަދި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް. ކުރުކޮށް ބުނާ ނަމަ، ދުނިޔެއިން ފަލަސްތީނަށްޓަކައި އިތުރަށް އެތައް މަސައްކަތެއް ކޮށްދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރަށް އެކި ގައުމުތަކުން މަރުހަބާ ކިޔައި އެ ގަރާރު ވީ އެންމެ އަވަހަށް ތަންފީޒުކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުން ގެންދާއިރު މި ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ގަރާރުތައް އެމެރިކާ އާއި ބޮޑެތި އެހެން ބާރުތަކުގެ ސަބަބުން ވަނީ ފާސް ނުވެ އެވެ. އެކަމަކު މިފަހަރު ގަރާރު ފާސްވީ އާންމުކޮށް މިފަދަ ގަރާރުތަކުގައި އިޒްރޭލުގެ ދިފާއުގައި ތެދުވާ އެމެރިކާއިން ވީޓޯގެ ބާރުގެ ބޭނުން ނުކޮށް ވޯޓުގައި ބައިވެރި ނުވުމުންނެވެ.

އެމެރިކާގެ މި ބަދަލުވުމާ އެކު އިޒްރޭލުން ވަނީ ރުޅިވެރިކަމާ އެކު ރައްދުގައި ވާހަކަ ދައްކައި އެމެރިކާ އާއި ސަލާމަތީ މަޖިލީހުން ހިތްވަރު ދިނީ ހަމާސް އަށް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

އިޒްރޭލުން ހަމަލާތައް ހުއްޓާނުލައި އަދި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސް އަޅާތީ ޣައްޒާ އޮތީ ހައިހޫނުކަމުގެ ތެރޭގަ އެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 32،000 މީހަކު ޝަހީދުވެފައި ވާއިރު އިޒްރޭލުން މިހާރު ތައްޔާރުވަމުންދަނީ ޣައްޒާގެ އާންމުން ހިމާޔަތް ހޯދަން މިހާރު އޮތް ހަމައެކަނި ސިޓީ ކަމަށްވާ ރަފަހް އަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށެވެ. އެކަން ނުކުރުމަށް އެމެރިކާ އާއި އެކި ގައުމުތަކުން ދަނީ އިންޒާރު ދެމުންނެވެ.