Roadha Mihaaru

ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން: އިހުސާން

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ވަކި ޖިންސެއް އަދި ރަށެއް އިސްތިސްނާ ނުވާނެހެން ހަމަހަމަކަމާ އެކު ހުރިހާ އެންމެންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އަމާޒަކީ ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

17 މެއި 2025

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ވަކި ޖިންސެއް އަދި ރަށެއް އިސްތިސްނާ ނުވާނެހެން ހަމަހަމަކަމާ އެކު ހުރިހާ އެންމެންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިހުސާން އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ މުވާސަލާތީ ހިދުމަތްތަކާ ގުޅޭ ދުވަހު ދެއްވި ހިތާބެއްގަ އެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ނުވަތަ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމެވެ.

އިހުސާންގެ ހިތާބުގައި ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އަންހެނުން ބައިވެރި ކުރުމަކީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓު އެކަނި އަންހެނުންނަށް ދިނުން ނޫން ކަމަށެވެ.

އޭގެ މާނައަކީ ތައުލީމާއި ސިއްހަތާއި ވިޔަފާރި އާއި ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައި ވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުން ވެސް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި މުޅި މުޖުތަމައުއަށް، އަދި މުޅި އިގްތިސޯދަށް ވެސް ފައިދާ ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ނިސްބަތަށް އަޅާ ބަލާއިރު، މި ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދު ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ލީޑާޝިޕް ރޯލުތަކާއި ހިންގުމުގައި އަންހެނުންގެ ދައުރު އަދި ވެސް ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ސަރުކާރުގެ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން ވަކި ޖިންސަކަށް ބެލުމެއްނެތި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ތަފާތު ކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

އިހުސާން ވަނީ ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަކަން ފާހަގަކުރައްވައި، މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވައިފަ އެވެ.