Roadha Mihaaru

ސެކަންޑްމަންޓް އުސޫލުން އޭސީޕީ ރިޔާޒު ދެ އަހަރު ދުވަހަށް ޑްރަގް އެޖެންސީއަށް ބަދަލުކުރަނީ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ދެ އަހަރުގެ މުއްދަތަކަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ބަދަލުކުރަން ނިންމައިފި އެވެ.

އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މެއި 2025

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ދެ އަހަރުގެ މުއްދަތަކަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ބަދަލުކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒު ޑްރަގު އެޖެންސީއަށް ބަދަލުކުރީ ފުލުހުންގެ ސެކަންޑްމަންޓް އުސޫލުގެ ދަށުންނެވެ. ދެ އަހަރުގެ މުއްދަތަކަށް އޭނާ ޑްރަގު އެޖެންސީއަށް ބަދަލުކުރި ނަމަވެސް މިހާރެކޭ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ލިބޭނެ އެވެ.

ފުލުހުންގެ ހިދުމަތު ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު، ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން އެހެން ތަނެއްގައި މަސައްކަތްކުރުމަށް ކޮމިޝަނާ އޮފް ޕޮލިހަށް ކަނޑައެޅުމުގެ ބާރު އޮވެ އެވެ. އަދި އެހެން ތަނެއްގައި ހުރި މީހަކު ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަން ހުއްދަ ކުރުމަށް ޕޮލިސް ކޮމިޝަނަރަށް ފެނިއްޖެ ހާލަތެއްގައި ވެސް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އެކަމަށް ހުއްދަ ދެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އެ ގާނޫނުގައި ވަނީ ސެކަންޑްމަންޓުގެ އުސޫލުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު، ރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ދިވެހި ކޮންސިއުލާ މިޝަންތަކާއި ރާއްޖެއިން ބޭރުގެ ގައުމެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް މަސައްކަތްކުރުމަށް ސީޕީއަށް ކަނޑައެޅިދާނެ އެވެ.

މި ސަރުކާރު އައިއިރު ރިޔާޒު ހުންނެވީ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑަކަށް ނަމަވެސް އެ މަސްއޫލިއްޔަތުން ނޮވެމްބަރު، 2023 ގައި އޭނާ ވަނީ ދުރުކޮށްފަ އެވެ.

މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.