މަސްތުވާތަކެތި ހޯދުމަށް ވައްކަންކޮށް މާލެތެރޭ ސަލާން ޖަހަން އާންމުކޮށް އުޅޭ މީހުން ބަންދަށް ގެންދިއުމަށް އޮޕަރޭޝަނެއް ފަށައި މިހާތަނަށް ގިނަ ބަޔަކު ބަންދުކޮށްފި އެވެ.
29 މާޗް 2023
މަސްތުވާތަކެތި ހޯދުމަށް ވައްކަންކޮށް މާލެތެރޭ ސަލާން ޖަހަން އާންމުކޮށް އުޅޭ މީހުން ބަންދަށް ގެންދިއުމަށް އޮޕަރޭޝަނެއް ފަށައި މިހާތަނަށް ގިނަ ބަޔަކު ބަންދުކޮށްފި އެވެ.
މީގެ ނުވަ އަހަރު ކުރިން އަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާ ގޮތުން، މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރުކުރާ މީހަކީ ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވިއްޖެ ނަމަ، އޭނާ ޖަލުގައި ބަންދު ކުރުމުގެ ބަދަލުގައި ބަންދު ކުރަން ޖެހޭނީ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގަ އެވެ. ނަމަވެސް ރިމާންޑް ސެންޓަރަށް ގެންދިއުމަށް ކޯޓުން އަމުރު ނުލިބިގެން އެކަން ނުކުރެވިފައި ތިބުމަށް ފަހު މި ފަހުން ކްރިމިނަލް ކޯޓުން އަންނަނީ އެގޮތަށް އަމުރު ނެރެދެމުންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާއެއްހާ ދުވަހު ނެރެފައިވާ ބަންދު އަމުރުތަކަށް ބަލާއިރު ގިނަ ބަޔަކު ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހެބް ސެންޓަރުތައް ވެސް ރިމާންޑް ސެންޓަރުތަކުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ނެޝަނަލް ޑްރަގް އެޖެންސީން ނިންމައި ކޯޓުން އަމުރު ލިބޭ މީހުން އެ ސެންޓަރުތަކަށް މިހާރު ގެންދާ ކަމަށެވެ.
މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުން އަލުން ފަރުވާ ފަށަން ބޭނުންވާ ނަމަ ރިމާންޑް ސެންޓަރުން އެކަން އިންތިޒާމްކުރާނެ އެވެ.
މިހާރު އޭގެ ތެރެއިން ވަަރަށް ގިނަ މީހުން ތިބޭނީ ފުލުހުންގެ ބަންދުގައި ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކުރާ ރިމާންޑް ސެންޓަރެއްގައި
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މާލެ ތެރޭގައި އާންމުކޮށް ވައްކަންކުރާ އަދި ސަލާން ޖަހަން އުޅޭ ފަންސާހަކަށް މީހުން ދެނެގަނެ އެ މީހުން ބަންދުކުރަން ފަށާފައިވާ ކަމަށެވެ.
"މިހާރު އޭގެ ތެރެއިން ވަަރަށް ގިނަ މީހުން ތިބޭނީ ފުލުހުންގެ ބަންދުގައި ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކުރާ ރިމާންޑް ސެންޓަރެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހް "މިހާރު" އަށް ވިދާޅުވީ ފަރުވާ ނިޒާމުގެ މިހާރުގެ މޮޑެލްއަކީ ޖަލުގެ ވިސްނުމަަށްވުރެ ބޮޑަށް އެ ފަރުވާ ހޯދަން އަންނަ މީހާއަށް އެއީ ޖަލެއްކަން ނުވަތަ ބަންދު ކޮށްގެން ގެންގުޅޭ ތަނެއްކަން އިހުސާސްވިޔަ ނުދީ ފަރުވާގެ ނިޒާމް ކުރިއަށް ގެންދިއުން ކަމަށެވެ.
މާލޭގައި ސަލާން ޖަހައި ވައްކަންކުރަން އުޅޭ އެތައް ބަޔަކު މި ދުވަސްވަރު ހިންމަފުށީ ރިހެބަށް ގެންގޮސް އެބަތިއްބެވެ. އެ މީހުން ގެންދިއުމުން ރަށުތެރޭ ކުށް ކުރުން ގިނަވެފައިވާ ކަމަށް ބުނެ ކުރާ ޝަކުވާއާ ބެހޭ ގޮތުން ސުވާލުކުރުމުން އިމާދު ވިދާޅުވީ ސެންޓަރުގައި ބައިތިއްބާ މީހުންގެ ކަންކަން ގާތުން ބަލަމުން ގެންދާ ކަމަށެވެ.
"ހިންމަފުށީގައި އެތައް އަހަރެއް ވަންދެން އަޅުގަނޑުމެން ރިހިބިލިޓޭޝަންގެ ޕްރޮގްރާމްތައް ހިންގަމުން ގެންދަނީ. ކިތައް މީހުން ނިކުމެގެން ވައްކަން ކުރާ ވާހަކަތޯ މި ދައްކަނީ. ކާކުގެ ވާހަކައެއްތޯ މި ދައްކަނީ. ވަކި ހާއްސަ ކޭސްއެއްގެ ވާހަކަތޯ މި ދައްކަނީ. އެ ވައްކަން ކޮށްގެން އުޅޭ ކަަމަށް އެ ބުނާ މީހާގެ ނަމެއް ވެސް އޮންނާނެތާ،" އިމާދު ވިދާޅުވި އެވެ.
މާލެ- ނޮވެމްބަރު 15، 2021: ހިޔާ ފްލެޓެއްގެ ޓެރަސް ސިޑިމަތީގައި މަސްތުވެގެން ހުރި މީހަކު އިށީދެލައިގެން: ރަށު ތެރޭ އާންމުކޮށް ކުށް ކުރުމުގައި މި މީހުންގެ ބައިވެރިވުން ބޮޑު. -- ފޮޓޯ: ނިޝާން އަލީ
"މިއީ މި ނިޒާމާ ދެތެރޭ އޮންނަ އިތުބާރު ގެއްލުވާލަން ބަޔަކު ކުރާ މަސަައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. މަސްތުވާ ތަކެތީގެ މައްސަލަތަކަކީ މިކަމުގެ ދެކޮޅު އޮންނަ ކަމެއް. ފަރުވާގައި ތިބޭ މީހުންނަށް އެ ކުރެވޭ މަސައްކަތް ޑިސްކްރެޓް ކުރުމަށް ކުރެވޭ މަަސައްކަތް ޑިސްކްރެޑިޓް ކުރުމަށް ކުރެވޭ މަސައްކަތެއް މިފަދަ ގޮތަކަށް ވާހަކަައް ދެއްކުމަކީ."
އިމާދު ވިދާޅުވީ ސެންޓަރަށް ފޮނުވާ 100 ކްލައިންޓުގެ ތެރެއިން އެކަކުވެސް އެ ބުނާ ގޮތަށް ސެންޓަރު ދޫކޮށް ދާނެ ކަމަށް ނުބެލެވޭ ކަމަށާއި ރިކޯޑުތަކަށް ބަލާއިރު ވެސް އެކަން އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަދު ހާލަތެއްގައި، ފަރުވާ ހޯދާ މީހަކު އެތަނުން ބޭރަށް ހިނގައިދާނެ ކަމަށާއި އެކަމަކު އެއީ ހިންމަފުށީގެ އަމާންކަން ގެއްލޭވަރަށް ހިނގާ ކަމެއް ނޫން ކަމަށެވެ.
"އެ ރަށަށް ގެންދެވިފައި އެ ތިބި މީހުންނަކީ ކޮންމެވެސް ރަށެއްގަ ނުވަތަ މާލޭގެ މަގުމަތީގައި އުޅެމުން ދަނިކޮށް ފަރުވާއަށް ގެންދެވޭ މީހުން. އެއީ ރަނގަޅު މައުލޫމާތެއް ކަމަށް ގަބޫލެއް ނުކުރެވޭ،" އިމާދު ވިދާޅުވި އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު "މިހާރު" އަށް ވިދާޅުވީ ރިހެބަށް ގެންނަ މީހުންގެ ފަރާތުން އާންމުންނަށް ބައެއް އުނދަގުލާ ކުރިމަތިވުމަކީ އަބަދުވެސް ލިބޭ ޝަކުވާއެއް ކަމަށެވެ. އެންމެ ގިނައީ ރިހެބުން ނުކުންނަ މީހުން ވައްކަން ކުރާ ކަމުގެ ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައަކީ ރަށު ތެރެއަށް ގިނެވެގެން އުޅޭ މައްސަލަ. އެކަން ހައްލު ކުރުމަށް އެންޑީއޭއާ މަޝްވަރާކުރަމުން ދަނީ މިހާރު ވެސް: ކައުންސިލްގެ ރައީސް
މި ފަހުން ޝަކުވާ ބޮޑުވީ މާލެތެރޭގައި ސަލާން ޖަހައި އާންމުކޮށް ވައްކަން ކޮށް އުޅޭ ބަޔަކު ރޯދަމަހާ ދިމާކޮށް ރިމާންޑަށް ގެންދިއުމުން ކަމަށް ހަސަން ވިދާޅުވި އެވެ.
"އެންމެ ބޮޑު މައްސަލައަކީ ރަށު ތެރެއަށް ގިނެވެގެން އުޅޭ މައްސަލަ. އެކަން ހައްލު ކުރުމަށް އެންޑީއޭއާ މަޝްވަރާކުރަމުން ދަނީ މިހާރު ވެސް. މީގެ ތިން ދުވަސް ކުރިން އައި މައްސަަލަ އަކީ އެ ތަނުން ބޭރަށް ދެ މީހަކު ނުކުމެގެން އުޅޭ މައްސަލައެއް،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ރަށުތެރެއަށް ނުކުމެގެން އުޅޭ އެކަކީ ޓީބީ ޖެހިފައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުނެ މައެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ މީހުންގެ ފަރުވާ އެ މީހުން ބޭނުން ނުވީމާ ނުކުމެވޭނެ. ފަރުވާއަށް އަލުން އެތެރެއަކަށް ނުވަދެވޭނެ. ދެން އެ މީހުން އަމިއްލައަށް ރަށުން ފުރައިގެން ދިއުން އިންނާނީ. އެތަނުން ނުކުތުމާ ފުރުމާ ދެތެރެ އުޅޭނީ ރަށު ތެެރޭގައި،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ސެންޓަރުން މީހުން ނުކުމެއްޖެ ނަމަ ފުލުހުންނަށް އަންގަން އެންޑީއޭ އިން މިހާރު އަންގާފައިވާ ކަމަށެވެ.
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ރާއްޖޭގައި ޑްރަގުގައި ނުޖެހޭ ރަށެއް ނެތް: ލުބްނާ
އެންޑީއޭއިން ފަރުވާގެ ދޮގުލިޔުން ވިއްކި މައްސަލަ ބަލަނީ
700 މީހުން ކިޔުގައި، ފަރުވާ އަވަސްކުރަނީ
ތައުފީގު ފެނުނީ ޑްރަގް ފަރުވާ ހޯދަން ގޮސް ހުއްޓާ!
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ޖަލަށް ޑްރަގްސް ވައްދަން އުޅުނު އޮފިސަރަކު ހައްޔަރު
މަސްތުން ސަލާމަތްވެ 242 މީހަކު މުޖުތަމައަށް
ހިންމަފުށީ ހަމަނުޖެހުންތަކާ ގުޅިގެން 5 މީހަކު ހައްޔަރު
ކުޑަކަމުދާތަކެތި ޓެސްޓު ނުކުރެވި ޑްރަގް ފަރުވާ ނުދެވޭ