Roadha Mihaaru

ބްރޯޑްކޮމްއަށް ޒީނާ ޒާހިރު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްއަަށް ޒީނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

12 މެއި 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުން ހުސްވި ގޮނޑިއަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައިސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.

އެ ނަންތައް ކޮމިޓީން ދިރާސާކުރުމަށް ފަހު އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.

މާކްސް ލިބުނު ތަރުތީބު:

1. ޒީނާ ޒާހިރު - 85.13 ޕަސެންޓު

2. އައިޝަތު ޝިޔާނާ - 83 ޕަސެންޓް

3. ޝިމްލާ އަހުމަދު - 82 ޕަސެންޓް

4. މޫސާ ރިލްވާން - 81 ޕަސެންޓް

5. ޒަމްއަތު އަހުމަދު ވަހީދު - 77.50 ޕަސެންޓް

އެންމެ މަތިން މާކްސް ލިބިފައިވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި ޒީނާ އަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒީނާ ބްރޯޑްކޮމްގައި ހުންނެވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ.

މާކްސް ދިނުމުގައި 75 ޕަސެންޓް ނުލިބޭ ފަސް ބޭފުޅުންނަކީ އިބްރާހިމް އަޝްރަފް، ވ. މަށިވެލި، އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު، މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ، އަހުމަދު ޒާހިރު، ހ. ސަންދަލީގެ އިތުރުން ފާތިމަތު ޒައީމާ، އޯކިޑުމާގެ، ށ. ފީވައް، އެވެ.

ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް މިއަދު ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.

ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަމެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ޒީނާގެ ނަން ފާސްކުރިއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ އައްޔަން ކުރެއްވީ 2023 ނޮވެންބަރުގަ އެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.