21 ނޮވެމްބަރ 2022
ބްރޯޑްކާސްޓް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ބްރޯޑްކާސްޓް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ ސުވާލާ ގުޅިގެން، އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އެއްވެސް ބޭފުޅެއް އަދި މަޖިލިސް މެމްބަރަކު ވެސް ކަމެއްގައި ގުޅައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަންގަވާފައިނުވާ ކަމަށެވެ.
ގުޅުން ހުރި ބައެއް ކަންކަމުގައި މަޝްވަރާކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ މެސެޖު ކުރިއަސް، އެކަމަށް ދެއްވާނެ ޖަވާބެއް އިނގޭނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމަށް ފަހު ކަމަށް ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނުހުންނާނެ އެއްވެސް ވަރަކަށް ނުފޫޒެއް އަޅުގަނޑަށް ކުރާ ގޮތަކަށް ވާހަކަދެއްކި މީހަކަށް ވާހަކަދައްކަން ފުރުސަތު ވެސް ދީފައި، އައުޓް އޮފް ދަ ކޮމިޝަން އަދި އިންސައިޑް ދި ކޮމިޝަން ވެސް. އެހެން ނަމަވެސް ޕްރޮފެޝަނަލީ އެ ވާހަކައެއް ދައްކަންޏާ އަޅުގަނޑު ހުންނާނެ އެ ފުރުސަތު ދީފައި. ގައިމު ވެސް އަޅުގަނޑުގެ ރިކޯޑުގައި ނީންނާނެ ކަންނޭނގެ އެ ކަހަލަ ކަންކަމަށް މަގުފަހިވެފައެއް،" މަރީ ވިދާޅުވި އެވެ.
"....ހަމަ ގައިމު ވެސް ޕްރޮފެޝަނަލީ އަދި ޕާސަނަލީ ވެސް މަސައްކަތުގައި އަޅުގަނޑަށް އިންފްލުއެންސެއް ނުކުރެވޭނެ އަޅުގަނޑަށް."
ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ އެއްވެސް ނުފޫޒެއްގެ ދަށުވެގެން ވޭތުވެދިޔަ މުއްދަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
"އެއްވެސް ނުފޫޒެއްގައި ޖެހިގެން އެއްވެސް ކަމެއް މި ވޭތުވެދިޔަ މުއްދަތުގައި ކޮށްފައިނުވާނެ. އަދި އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން ނުފޫޒެއްގައި ދަށުވެގެން،" ގައިސް ވިދާޅުވި އެވެ.
ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އިސްލާހާ ޑްރާފްޓް ކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ގައިސް ވިދާޅުވި އެވެ. ނަމަވެސް އެކަން ކޮށްފައި އޮތީ ބައެއްގެ ނުފޫޒު ދަށުވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް އޭނާ އައްޔަންކުރެއްވި ފަހުން ސިޔާސީ އެއްވެސް ބޭފުޅަކު، ބްރޯޑްކާސްޓިން އަދި ރީ-ބްރޯޑްކާސްޓިންނާ ގުޅޭ އެއްވެސް ކަމެއްގައި ގުޅައި. ބައްދަލުކޮށް އަދި މަގުމަތިން ފެނިގެން ވެސް އޭގެ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.
ފަޒީން ވިދާޅުވީ އެ ކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ. އަދި އޭނާއަށް އެނގިގެން ކޮމިޝަންގެ އެހެން މެމްބަރުންގެ ފަރާތުން ވެސް އެ ކަހަލަ އަމަލެއް ހިންގާފައިވާކަން މިހާތަނަށް ނޭނގޭ ކަމަށް ފަޒީން ވިދާޅުވި އެވެ.
ކޮމިޝަންގެ މެމްބަރު އާމިނަތު އަމީނާ ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ އަދި ސިޔާސީ ނޫން މީހަކު ވެސް އަދި ބްރޯޑްކާސްޓިންނާ ގުޅުންހުރި މީހަކު ވެސް އޭނާއަށް ގުޅައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮފްދަ ޓޭބަލް ބައްދަލުވުންތަކުގައި މަޝްވަރާކުރުމަކީ އަޅުގަނޑު ބަލައިގަންނަ ކަމެއް ވެސް ނޫން. އަޅުގަނޑުގެ ސައިޑުން، އަޅުގަނޑަށް އެއްވެސް މީހަކު މަޝްވަރާކުރައްވާފައި ނެތޭ، އެ ކަހަލަ ފުރުސަތެއް ވެސް ކުރިއަށް އޮތް ތަނުގައި ވެސް ނުލިބޭނެ އަދި ތި ފާހަގަކުރެއްވި ފައިސާގެ އެއްވެސް ކަމެއް އަޅުގަނޑަށް ހުށަހަޅާފައިނުވޭ އަދި ހުށަހެޅުމުގެ ފުރުސަތު ނުވެސް ދޭނަން،" އަމީނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް މި ފަހުން ބްރޯޑްކޮމް އަށް އަމާޒުވި އެއް ކަމަކީ، ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރުމުންނެވެ.
އެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އެ ގަވައިދު ބަދަލުކުރީ، ބްރޯޑްކާސްޓިންގެ ހިދުމަތް އެންމެ ފުރަތަމަ ފެށި މީޑިއާ ނެޓަށް ފައިދާވާ ގޮތަށެވެ.
އެހެން މެމްބަރެއްގެ ސުވާލާ ގުޅިގެން އަމީނާ ވިދާޅުވީ މީޑިއާ ނެޓުން ހުށަހަޅާ ހުރިހާ ކަމެއް ބްރޯޑްކޮމް އިން ފާސްނުކޮށްދޭ ކަމަށެވެ. ހުރިހާ ކަމެއް ވެސް ފާސްކުރަނީ މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފް ވިދާޅުވި ގޮތުގައި އެންމެ ގިނަ މެމްބަރުން ތިބީ ބްރޯޑްކޮމްގައި ކަމަށް ވާތީ އެހެން މުއައްސަސާތަކަށް ވުރެ ނުފޫޒުގެ ދަށުވެގެން ބްރޯޑްކޮމްގައި ކަންކަން ނިންމަން އުނދަގޫވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ކޮމިޝަނުން ނިންމާ ނިންމުންތަކަށް އެއްވެސް ނުފޫޒެއް ފޯރުވާކަމަކަށް. ނިންމާ ހުރިހާ ނިންމުމެއް ވެސް ނިންމަނީ ގާނޫނާއި ގަވައިދުގެ ތެރެއިން މެމްބަރުންގެ އަޣުލަބިއްޔަތުން،" އަލީ ޔޫސުފް ވިދާޅުވި އެވެ.
ކޮމިޝަނަރު އަމްޖަދު ވަހީދު ވެސް ވިދާޅުވީ އޭނާއަށް އެއްވެސް ނުފޫޒެއް އަދި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށެވެ.
މިހާތަނަށް ހުރިހާ ކަމެއް ވެސް ކުރީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިދާޅުވާ ވިދާޅުވުން، އަމްޖަދު ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
ނަމަވެސް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ގަވައިދަށް ގެނައި ބަދަލާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންނަށް ވަރަށް ގިނައިން ގުޅި ކަމަށެވެ. އެކަމަކު، އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުވެގެން ގެނައި ބަދަލެއް ނޫން ކަމަށް ބްރޯޑްކޮމްގެ މެމްބަރުން ވިދާޅުވިއަސް އެކަން ގަބޫލު ނުކުރައްވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
"އެކަމާ ގުޅޭގޮތުން މެމްބަރުންނަށް ލޮބީކުރަން އެކި ފަރާތްތަކުން ގުޅާފައި ހުރި ވަރުން އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން އިނގޭ ތި މެމްބަރުންގެ ތެރެއިން ކޮންމެ ވެސް ބަޔަކަށް ގުޅުއްވައިގެން ތިކަން ކޮށްފައިކަން އޮތީ،" ޝަފީގު ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި ބަދަލުގައި ބުނީ ރި-ބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ބަޓެލްކޯ ކުންފުންޏެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރު އަދި ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.
އެ ގަވައިދަށް އިތުރު އިސްލާހެއް ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލް ވާނެ އެވެ. އެކަމަކު، މަޖިލީހުގެ ކޮމިޓީން ވަނީ އެ ގަވައިދު އިސްލާހުކުރަން ބްރޯޑްކޮމް އަށް އަންގައިފަ އެވެ. އަދި އެ މައްސަލައިގައި ބްރޯޑްކޮމްއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ނިންމަންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފައިވެ އެވެ.
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި
މަރީ، ބުދަ ދުވަހު ކޮމިޓީ އަށް ހާޒިރުކުރަނީ
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ
ބްރޯޑްކޮމަށް މުހަންމާ އާއި މުއާ އައްޔަން ކުރަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ބްރޯޑްކޮމަށް ނުޒުހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ބްރޯޑްކޮމްގެ މެމްބަރުކަމަށް ސަފާ އައްޔަން ކުރައްވައިފި
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް