Roadha Mihaaru

ސިއްހީ ގިނަ ދާއިރާތަކަށް އެހީވާން ބްރޫނާއިގެ ވަފުދާއެކު މަޝްވަރާކޮށްފި

ސިއްހީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ބްރޫނާއި އާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

ސިއްހީ ދާއިރާއިން އެހީދޭން ބްރޫނާއިއާއެކު މަޝްވަރާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 މެއި 2025

ސިއްހީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ބްރޫނާއި އާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ހަ ދާއިރާއެއް ކުރިއަރުވަން މަޝްވަރާކުރި ކަމަށެވެ.

އޭގެ ތެރޭގައި؛

- ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ހަރުދަނާ ކުރުން. ހާއްސަކޮށް އާބަން ޕްރައިމަރީ ހެލްތުކެއާ

- ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ހާއްސަކޮށް ނަރުހުން ތަމްރީންކުރުން

- ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްގީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުން

- މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދުން

- ޕަބްލިކް ހެލްތާ ގުޅުން ހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް އެކަމުގެ އިލްމާއި ތަޖުރިބާ ހިއްސާކުރުން

- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ސެޒޭޝަން ކްލިނިކް ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން

މިނިސްޓްރީން ބުނީ ބްރޫނާއިގެ ޓީމުން އައިޖީއެމްއެޗާއި ދަމަނަވެއްޓާއި ރާއްޖޭގެ ހެލްތުކެއާ އިންފްރާސްޓްރަކްޗާ އަދި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ބަލާފައިވާ ކަމަށެވެ.

ޖެނީވާގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޑަބްލިއުއެޗްއޯ އެސެމްބްލީގެ ހަވާސާގެ ތެރެއިން ވެސް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ބްރޫނާއިގެ މިނިސްޓަރާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން މަޝްވަރާކުރައްވައިފަ އެވެ.