Roadha Mihaaru

އިތުރު 18 ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި އަހަރު 90 ރަށެއްގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުގެ ތެރެއިން އިތުރު 18 ރަށެއްގައި، ހޮސްޕިޓަލުގެ އާ އިމާރާތާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އިތުރުން ބައެއް ތަންތަނުގެ ޖާގަ އިތުރުކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

18 ރަށެއްގެ ސިއްހީ ހިދުމަތްދޭ އިމާރާތް ހަވާލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 މެއި 2025

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި އަހަރު 90 ރަށެއްގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުގެ ތެރެއިން އިތުރު 18 ރަށެއްގައި، ހޮސްޕިޓަލުގެ އާ އިމާރާތާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އިތުރުން ބައެއް ތަންތަނުގެ ޖާގަ އިތުރުކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މީގެ ކުރިން ވަނީ، 10 ރަށެއްގައި ހޮސްޕިޓަލް އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެހެންވެ، ޖުމްލަ 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް މިދިޔަ އެޕްރީލް މަހާ ހަމައަށް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން ހަވާލުކުރީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ.

އާރުޑީސީއާ ހަވާލުކުރި 4 ރަށް

1. ހއ. ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

2. ރ. މީދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް

3. މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

4. ގއ. ދާންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް

މި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރެވެ.

ރ. މީދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅޫމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އާރުޑީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެމްޓީސީސީއާ ހަވާލުކުރި 5 ރަށް

1. ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

2. ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް

3. ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

4. އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް

5. ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

މި އެއްބަސްވުންތަކުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ސޮއި ކުރެއްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ފެނަކައާ ހަވާލުކުރި 9 ރަށް

1. ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

2. ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

3. ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް

4. ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

5. ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

6. ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

7. ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

8. ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް

9. ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު ސެންޓަރެއްގެ މަަސައްކަތް ހަވާލުކުރަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު ސެންޓަރެއްގެ މަަސައްކަތް ހަވާލުކުރަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ

މި ނުވަ ރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. ފެނަކައިން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.