Roadha Mihaaru
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"

ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމެއްގެ ތެރޭ ތިބެވޭކަށް ނެތް: ނާޒިމް

07 ނޮވެމްބަރ 2024

ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމެއްގެ ތެރޭގައި ތިބެވެން ނެތް ކަމަށާއި މިސްރާބަކީ ބަލީގެ ކުރިން ރައްކާތެރިވެ ތިބުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމެއްގެ ތެރޭގައި ތިބެވެން ނެތް ކަމަށާއި މިސްރާބަކީ ބަލީގެ ކުރިން ރައްކާތެރިވެ ތިބުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ދުޅަހެޔޮ އާދަތަކަށް މީހުން ހޭލުންތެރި ކުރުވަން ބާއްވާ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަމާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި އެ އާދަތަކަށް މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި މި އެކްސްޕޯ ފައްޓަވައި ދެއްވީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އަދި ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ހިމެނޭ "ހަފްތާ 52" ގެ ނަމުގައި ފޮތެއް ވެސް އެމަނިކުފާނު ނެރެދެއްވި އެވެ.

އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި ގޮތުގައި ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމެއްގެ ތެރޭގައި އުޅެން ވެއްޖެ ނަމަ، ބޭނުންވާ މިސްރާބަށް ގައުމު ނުގެންދެވޭނެ އެވެ.

"ސިޔާސަތުތައް ބެލުމުން އަޅުގަނޑުމެންނަށް ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ތިބެވެން ނެތް ކަން. ދަންނަވަން މި އުޅެނީ ބަލިވީމަ އަބަދު ބޭސް ކުރާ ނިޒާމެެއްގެ ތެރޭގައި އުޅެގެން މި ގައުމު ގެންދަން ބޭނުންވާ މިސްރާބަށް ނުގެންދެވޭނެއޭ،" ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިއްހީ ސިޔާސަތު ބައްޓަން ކުރައްވާފައިވާ އަސާސްތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމަނާފައި ވަނީ ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްހީ ނިޒާމަކުން ސަލާމަތްވެވޭނެ ގޮތްތަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ތަރައްގީގައި ރާއްޖެއިން ކިތަންމެ ކުރިއެރުމެއް ހޯދިޔަސް ކާނާގެ ރައްކާތެރިކަމާ ގުޅޭ ގާނޫނެއް ވުޖޫދުވީ މި ފަހުންނެވެ. އަދި ބަލިވުމުގެ ކުރިން މެޑިކަލް ޗެކަޕް ހެދޭނެ ނިޒާމާއި އެއާ އެމްބިއުލާންސް ވެސް މި ސަރުކާރުން ފެށީ އެ ވިސްނުމުގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ސިއްހަތާ ގުޅި ލާމެހިފައިވާ ކަންކަން. އަދި ހާއްސަކޮށް ބަލިވުމުގެ ކުރިން މެޑިކަލް ޗެކަޕް ހެދުން ފަދަ މުހިއްމު ވިސްނުންތައް އަޅުގަނޑުމެންގެ ހެލްތު އިންޝުއަރެންސް ސްކީމުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބޭނެ ނިޒާމު ފުޅާވެގެން ގޮސްފައި ވަނީ ވެސް މިއަހަރު،" ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމަކީ އިގްތިސާދަށް އޮތް ބޮޑު ބުރައަކަށް ހަދައިގެން ކުރިއަކަށް ނުދެވޭނެކަން ރައީސް މުއިއްޒުގެ ސިޔާސަތުތަކުން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮންމެ ފަހަރަކު މާލެއަށް ބޭސް ފަރުވާއަށް އައުމުގެ ބަދަލުގައި އާބަން ސެންޓަރުތަކުގައި ހުރި ހެލްތު ފެސިލިޓީތައް ފުޅާކުރުމަށް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުވެގެންދާނީ އެ ގޮތަށް ސިއްހީ ނިޒާމު ބައްޓަން ކުރެވޭނެ އަހަރުތަކަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދަ ނިޒާމު ރިފޯމްކޮށްގެން ނޫން ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާ ނުވާނެ ކަމަށާއި އެހެންވެ، އެ ބަދަލުތައް ގެންނަވާނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"އެ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ނިޒާމަކަށް. ރައްޔިތުންނަށް ބަރުހެލި ކަމެއް ނެތި ދެމެހެއްޓެނެވި ގޮތެއްގައި ސިއްހީ ނިޒާމު ކުރިއަށް ގެންދެވޭނެ ނިޒާމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އިން އެންމެ ރަނގަޅު ގޮތުގައި ހަރަދުކުރެވޭ ނިޒާމަކަށް ހަދާނެ ކަމަށާއި އެކަމުގެ ކަންކަން ފަންނީ ފަރާތްތަކުން ވެސް ބަލާފައިވާ ކަަމަށް ވިދާޅުވި އެވެ.

"އެ ގޮންުޖެހުންތަކާއި އެކަމަށް ފިޔަވަޅު ނާޅައިފި ނަމަ، މާދަމާ ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ ގެއްލުމެއްގެ ވާހަކަ އެބަ އިނގޭ. އެހެންވީމަ ދިވެހި ސިއްހީ ނިޒާމު ބައްޓަންވެގެންދާނީ ދެމެހެއްޓެނެވި މިސްރާބަކަށް މި ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ އެކްސްޕޯ ކުރިއަށް ދާނީ މިރޭ 8-11 އަށް އަދި އަންނަ ހުކުރު ދުވަހުގެ ހަވީރު 4-6 އަދި ރޭގަނޑު 8-11 އަށެވެ. އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ޖަމިއްޔާތަކާ އެކު 50 ސްޓޯލް ހުންނާނެ އެވެ.

ކުޑަކުދިންގެ ހެލްތު ޗެކަޕާއި ރަނގަޅު ކާނާ އާއި ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު އަދި ވެކްސިންގެ މައުލޫމާތުގެ އިތުރުން ބިދޭސީންގެ ހެލްތު ސްކްރީނިން އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު އަދި ސިއްހަތަށް ރަނގަޅު ކެއުންތައް ލިބޭނެ ސްޓޯލްތައް ހުންނާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރަންޖެހޭ ކަންކަން ސަމާލު ކަމަށް ގެނައުމަށް ކުރިއަށް ގެންދާ އެ އެކްސްޕޯ ކޮންމެ އަހަރަކު ބޭއްވުމަށް އަމާޒު ހިފާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަމައެކަނި މާލޭ ސަރަހަައްދުގައި އެކްސްޕޯ ބޭއްވުމުގެ ބަދަލުގައި އަތޮޅު ތެރެއަށް އެ އެކްސްޕޯ ފުޅާކޮށް، މި ވިސްނުން ފެތުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.