Roadha Mihaaru

ރާއްޖޭން އިންޑިއާގެ 75 ސިފައިން ހިނގައްޖެ، ހަތިޔާރެއް ނުގެންގުޅޭ: މިނިސްޓަރު

ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިން މިހާރު ގޮސްފައިވާ ކަމަށާއި އެ މީހުން ރާއްޖޭގައި ތިބި އިރު ހަތިޔާރެއް ނުގެންގުޅޭ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ރާއްޖޭން އިންޑިއާ 75 ސިފައިން ހިނގައްޖެ: މިނިސްޓަރު
ނާޒިމް ހަސަން
ނާޒިމް ހަސަން

06 މެއި 2025

ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިން މިހާރު ގޮސްފައިވާ ކަމަށާއި އެ މީހުން ރާއްޖޭގައި ތިބި އިރު ހަތިޔާރެއް ނުގެންގުޅޭ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސްފައިވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.

އިންޑިއާއިން ގެންދިޔަ 75 ސިފައިންގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫގައި ގާއިމްވެފައި ތިބި 25 ސިފައިންނާއި ލ. ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 25 ސިފައިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ހަތިޔާރާ އެކު ރާއްޖޭގައި ތިބި ބައެއް ނޫނެވެ.

ޣައްސާން ވިދާޅުވި ގޮތުގައި، މި ވަގުތު ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ނުތިބޭނެ އެވެ. މިނިސްޓަރު ވިދާޅުވީ އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބުމަކީ ސިޔާދަތާއި މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކަމެކެވެ. އެހެންވެ އެކަން މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ވިދާޅުވި އެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން އިންޑިއާގެ އަސްކަރިއްޔާގެ ބަދަލުގައި މިހާރު ތިބީ އެ ގައުމުގެ މަދަނީ މީހުންނެވެ.

ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން ވީ އެއްބަސްވުމުގެ ދަށުން ލ. ކައްދޫ އާއި ސ. ގަމަށް ގެންދިޔަ މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު ފެބުރުއަރީ މަހުގެ ނިޔަލަަށް ވަނީ ހަމަވެފަ އެވެ. އަދި ހދ. ހަނިމާދޫގައި ތިބި މަދަނީ މީހުންގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހަށެވެ.

މި މުއްދަތުތައް ހާމަކުރައްވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުން އެ މުއްދަތުތައް ބަދަލުނުކުރާހާ ހިނދަކު، މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު އޮންނާނީ އެގޮތަށެވެ.

ނަމަވެސް މިނިސްޓަރު ޣައްސާން މިއަދު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވި ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިނުވާ ކަމަށާއި އެކަން ކުރިއަށް ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.

ކެމްޕެއިންގައި ރައީސް އިއްޒު ވިދާޅުވެފައިވަނީ އިންޑިއާ އިން ހަދިޔާކުރި އުޅަނދުތައް އޮޕަރޭޓް ކުރަން ދިވެހިން ތަމްރީނު ކުރައްވާނެ ކަމަށާއި އެކަމަށް ގާބިލް ދިވެހިން އެބަ ތިބި ކަމަށެވެ. މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވި ގޮތުގައި މިހާތަނަށް އެ އުޅަނދުތައް ދުއްވަން ސިފައިންގެ ތެރޭގައި ޕައިލެޓުން ތަމްރީނުކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.