Roadha Mihaaru
ޣައްސާން ހާޒިރުކުރި 241 ކޮމިޓީ ސިއްރުކޮށްފި

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

21 ފެބުރުއަރީ 2024

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރަން ނިންމި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރަން ނިންމި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނަށް އެޖެންޑާކުރި 241 ކޮމިޓީއަށް މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ކޮމިޓީން ނިންމާފައިވަނީ އެ ސިޓީއާއި އެ ބައްދަލުވުން ސިއްރުކުރުމަށެވެ.

ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ 'އަސުރުމާ 3' ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ. އޭގެ ފަހުން 'މޮހޮރާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވި އެވެ.

މަސްބޯޓުތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ކުރިން ބުންޏެވެ. މި މައްސަލައިގައި ޣައްސާން މަޖިލިސް ތަޅުމަށް ހާޒިރުކޮށް ސުވާލުކުރަން ވެސް ވަނީ މެންބަރަކު ހުށަހަޅުއްވައިފަ އެވެ.