Roadha Mihaaru

ނާސްތާ ޕްރޮގްރާމް ބޭނުންތެރިއެއް ނޫން: މިނިސްޓަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނާސްތާ ޕްރޮގްރާމް ބޭނުންތެރިއެއް ނޫން: މިނިސްޓަރު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 މެއި 2025

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ސްކޫލުތަކުގައި ހިންގި ނާސްތާ ޕްރޮގްރާމްގެ ދަށުން ނާސްތާ ފޯރުކޮށްދޭ ކުދިންގެ އަދަދާ ގުޅޭ ގޮތުން ވިލިމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އިސްމާއިލް ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އޭރު އެކަން ފަށަން އުޅުނު އިރު ވެސް އެކަން ކުރަން ރާވާފައިވާ ގޮތުން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ.

އއ. މާޅޮހު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި ނާސްތާ ނަގަނީ.--

އއ. މާޅޮހު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި ނާސްތާ ނަގަނީ.--

"ނަތީޖާއަކަށް ވެގެން މި ދިޔައީ، ތައުލީމާ ބެހޭ ގާނޫނު އައިއިރުގައި ގާނޫނުގައި މި ލިޔަނީ، ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނެއޭ. މިހާރު ވެސް ގާނޫނުގައި އޮތީ އެހެން. އެހެން ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓު ލެއްވި ބޭފުޅުން އަދި މެނިފެސްޓޯގައި އެ ހިމެނުއްވި ބޭފުޅުން ފަހުން ނިންމެވީ ނޫނެކޭ، ބޭނުންވާ ކުއްޖަކަށޭ ދޭނީ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.

މިހާރު ނާސްތާ ދެމުން ގެންދަނީ ބޭނުންވާ ކުދިންނަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އަދަދު އުޅެނީ 200 ގައި ކަމަށެވެ.

"ހެނދުނުގެ ދަންފަޅީގައި ގާތްގަނޑަކަށް 60،000 ވަރަކަށް ދަރިވަރުން ކިޔަވާނެ. އޭގެ ތެރެއިން ނާސްތާ ދެވެނީ 100 އެއްހާ ނުވަތަ 1،000 އަށް ވުރެ ވެސް މަދު ދަރިވަރުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާ ކަނީ -- ފޮޓޯ: މިހާރު

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާ ކަނީ -- ފޮޓޯ: މިހާރު

އެހާ މަދު އަދަދެއްގެ ކުދިންނަށް ދޭ ނާސްތާ ޕްރޮގްރާމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ ޖޫން 11، 2019ގަ އެވެ.

އޭރު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލީ އެވެ. އޭގެ ފަހުން އަލުން 2021 ވަނަ އަހަރު އެކަން އަލުން ފެށީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިން ދެނެގަނެ، އެ ކުދިންނަށް ނާސްތާ ދޭ ގޮތަށެވެ.