Roadha Mihaaru

ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ

ގދ. ތިނަދު އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމައިފި އެވެ.

ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

04 މެއި 2025

ގދ. ތިނަދު އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ ތިނަދު އާއި ކާޑެއްދޫއާ ދެމެދުގައި ބްރިޖެއް އަޅަން ނިންމައި، އެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ގދ. ކާޑެއްދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ބްރިޖަކުން ތިނަދުއާ ގުޅާލުން އެއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ތިނަދު އާއި ކާޑެއްދޫ ގުޅާލުމަށް 3.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ޖެހެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ އަޕްޑޭޓެއް ރައީސްގެ ޕްރެޒެންޓޭޝަންގައި ނެތުމުން ނޫސްވެރިޔަކު އެ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ މަސައްކަތުގެ އަޕްޑޭޓެއް މިވަގުތު ނެތް ކަމަށެވެ.

"އެކަމަކު އެތަނުގައި، ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްއެއް ގޮތަށް، މުޅިން އާ އެއާޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީ ވެސް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރިން އިއުލާންކޮށްފައި ވަނީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށެވެ. އެ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ތިނަދޫގައި ހެދުމުގެ އެމްއޯޔޫއެއްގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރީ ރައީސް މުއިއްޒު މިދިޔަ އަހަރު ތިނަދުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ސަރުކާރުގެ ފަރާތުން، 600 އެއްހާ މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި ތައިލެންޑު ކުންފުނިން ސޮއިކުރެއްވީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގެވެ.

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާގެ އަތުން އެ އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ގޮވާލައިފަ އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެކަމަކު، އެ އެއާޕޯޓް ވިލާއަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެހެންވެ، އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗް، 2022 ގަ އެވެ.

ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެ މައްސަލަ ވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ވެސް ބަލަން ފަށައިފަ އެވެ. ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން ވެސް އޮތީ ނިންމައިފަ އެވެ.