ތައިލެންޑުގެ އަމިއްލަ ކުންފުންޏެއްގެ އަމިއްލަ ހަރަދުގައި ގދ. ތިނަދޫގައި ހަދަން ފަށާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށާއި އެއީ މި ރަށުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
21 ފެބުރުއަރީ 2024
ތައިލެންޑުގެ އަމިއްލަ ކުންފުންޏެއްގެ އަމިއްލަ ހަރަދުގައި ގދ. ތިނަދޫގައި ހަދަން ފަށާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށާއި އެއީ މި ރަށުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ 600 މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ހަދާ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްއޯޔޫގައި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
ތިނަދޫ ސްކޫލުގައި ބޭއްވި އެ ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޕޭން ޕެސިފިކްއާ އިން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް އެވެ.
ތިނަދޫގައި އިންޓަނޭޝަަނަލް އެއާޕޯޓެއް ހެދުމުގެ ބިޔަ މަޝްރޫއުގެ އެމްއޯޔޫގައި ރޭ ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް ފޮޓޯއެއް ނަންގަވަނީ.
ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޓީތައް ތަރައްގީ ކުރުމަށް އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާތީ ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއާ އެކު މުޅި މި ސަރަހައްދު ތަަރައްގީ ވާނެ ކަމަށެވެ.
"އެއާޕޯޓާއި ރިސޯޓުތައް އިތުރުވެގެން ދިޔައީމާ އިރާދަކުރެއްވިއްޔާ 20 އަހަރުގެ މާސްޓާ ޕްލޭނެއް ނޫން، ސާޅީހަކަށް އަހަރަށް އޮޮންނާނީ މި ސިޓީ އަދި އަތޮޅު ތަރައްގީ ވެފައި،" ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ދަށުން، މި ރަށުގައި ހިއްކާފައި އޮތް ސަރަހައްދަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އަދި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ހަތަރު ކިލޯ މީޓަރު ހުންނާނެ ކަމަށާއި އެ އެއާޕޯޓު ވާނީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ލޭންޑްމާކަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ހެދޭ ފުރަތަމަ ފެންމަތީގެ ޓާމިނަލް އޮންނާނީ ވެސް އޭރުން ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެހެންވެ، އެކަން ވާނީ ޓޫރިސްޓުންގެ ކަޅިތައް ވެސް ތިނަދު އަށް ހުއްޓޭނެ މަންޒިލެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތިމާވެއްޓާއި ރައްޓެހި ކޮންސެޕްޓަކަށް ހަދާ އެއާޕޯޓާ އެކު، ތިނަދު އާއި މުޅި ގދ. އަތޮޅަށް ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ދާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް
"ދެންމެ މިނިސްޓަރު [މުއްތޮލިބު] ވެސް ފާހަގަކުރެއްވި ފަދައިން މިއާ އެކީގައި ސީޕްލޭން ޓާމިނަލް ހިމެނޭ. އަދި ހަމަ އެއާ އެކީގައި ފްލައިން ސްކޫލެއް މި އަތޮޅަށް ގެނައުމާއި ހަމަ އެއާ އެކީގައި އެއާ އެމްބިއުލާންސް ސާވިސް އަށް ބޭނުންވާ ފެސިލިޓީތައް ގާއިމްކުރުމާއި އަޅުގަނޑު ކެމްޕެއިންގައި ވައުދުވީ ޑިކޮމްޕެޝަން ޗެމްބަރުގެ ފެސިލިޓީތައް ގެނައުމާއި ހަމަ މި ޕްރޮޖެކްޓުގެ ތެރެއިން 12 ރިސޯޓު މި އަތޮޅުގައި ހުރި ރަށްތަކުގައި 12 ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުން މީގައި އެބަހިމެނޭ،" އެއާޕޯޓު މަޝްރޫއުގެ ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.
ރައީސް ރޭ ވިދާޅުވީ، ތައިލެންޑުގެ ޑިވެލޮޕަރަށް ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުން ފީޒިބަލް ވަނީ އެ ކަންކަމާ ގުޅިގެން ކަމަށާއި 400-600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކީ ހުވަދޫ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ.
މިވަގުތު ތިން ރިސޯޓު އޮތް މި އަތޮޅުގައި މި އެއާޕޯޓާ އެކު 12 ރިސޯޓެއް ވެސް ތަރައްގީކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު، މި ސަރަހައްދުގެ އެނދުތައް 2،400 އަށް އިތުރުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން މި ސަރަހައްދަށް އަޅާ ނުލުމުގެ ސަބަބުން ތަރައްގީ ނުވެ އޮތަސް، މި ވެރިކަމުގެ ދައުރު ނިމޭއިރު އެ ސަރަހައްދަށް ރައީސް މުއިއްޒު ތަރައްގީ ގެނެސް ދެއްވާނެ ކަމަށެވެ. ހުވަދު އަތޮޅުގައި 133 ފަޅު ރަށް އޮންނައިރު، އެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައި ރައްޔިތުން އެދޭ ވަރުގެ ތަރައްގީއެއް ގެނެވޭނެ ކަމަށް ގދ. އަތޮޅަށް އުފަން މުއްތޮލިބު ވިދާޅުވި އެވެ.
ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލަނީ
އެމްއައިއެފްސީއަކީ މާލީ މުސްތަގުބަލަށް އިސް ނެގުން
މި އަހަރު 2،000 އަށް ވުރެ ގިނަ ޕްރޮޖެކްޓު ފަށާނެ
"ތަރައްގީގެ ޕްލޭންގެ ކަންކަން ރަނގަޅަށް ކުރިއަށްދޭ"
ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ މަޝްރޫއު ހިންގާނަން
މިނިވަންކަމާގުޅޭ މަޝްރޫއުގެ އިންވެސްޓްމަންޓް ބޮޑުކޮށްފި
550އަށް ވުރެ ގިނަ މަޝްރޫއު ހިންގަންވަނީ ސޮއިކޮށްފައި
އުތުރުތިލަފަޅުގައި ޖަލެއް ހަދަން ކަނޑައަޅައިފި
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް