Roadha Mihaaru

އެސްޓިއޯގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާއެކު، އަހަރުގެ ފުރަތަމަ ތިން މަހުގެ އާމްދަނީ 4 ބިލިއަނަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު އާމްދަނީ ހަތަރު ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު އާމްދަނީ ހަތަރު ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ، 2024 ގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކުންފުނީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާތީ، އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވާ 169 މިލިއަން ރުފިޔާ އަކީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓު ދަށް އަދަދެކެވެ.

މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޝަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން އެސްޓީއޯއިން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، ހިންގުމުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވިޔަސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތައާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށެވެ.

އުމްރާނީ މުހިންމު މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.