Roadha Mihaaru

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ ރާއްޖޭގައި ވެސް ނެތިން، ފަތުރަނީ ދޮގުވާހަކަތަކެއް: އަމީން

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެ ގޭގެ އެޕާޓުމަންޓެއްގައި އެ ވަގުތު ހުންނެވި ކަމަށް ބުނާ ވާހަކަތަކެއް ދެއްކި ނަމަވެސް އެ ދުވަހުގެ އެ ވަގުތު ރާއްޖޭގައި ވެސް ވަޑައިގެން ނެތް ކަަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު ރޭ ރާއްޖޭގައި ނެތިން: އަމީން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 އެޕްރީލް 2025

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެ ގޭގެ އެޕާޓުމަންޓެއްގައި އެ ވަގުތު ހުންނެވި ކަމަށް ބުނާ ވާހަކަތަކެއް ދެއްކި ނަމަވެސް އެ ދުވަހުގެ އެ ވަގުތު ރާއްޖޭގައި ވެސް ވަޑައިގެން ނެތް ކަަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު ހ. ފެންޓޯނިއާގޭގެ ހަތް ވަނަ ފްލޯގެ ލިފްޓާ ކައިރީގައި ހުންނަ އެޕާޓްމަންޓުގެ ދޮރު މަތީގައި ކަހަލަ ގޮތަކަށް މުށި ކުލައިގެ ބޫޓެއް ހުންނަ ތަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އެ ބޫޓު ބަހައްޓާފައި ހުރި ގޮތް ބަދަލު ވެފައިވާ ތަން ފުޓޭޖުތަކުން ފެންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މިނިސްޓަރު އަމީން ހަފުލާއަކަށް ވަޑައިގެންނެވި ދުވަހެއްގައި، އެ ކުލައިގެ ބޫޓަކަށް އަރުއްވައިގެން ހުންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށް، އެއީ މިނިސްޓަރުގެ ބޫޓު ކަމަށް ބުނެ ވާހަކަތަކެއް ފަތުރައިފަ އެވެ.

"އިސްތިއުފާ ނުދޭން ޖެހޭ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ހަގީގަތުގައި ވެސް އަޅުގަނޑުގެ އެއްވެސް އިންވޯލްވްމަންޓެއް [ބައިވެރިވުމެއް] މިކަމުގައި އޮތް ކަމަކަށް ނުވާތީ. ޒައްރެއްގެ ވެސް އިންވޯލްވްމަންޓެއް އޮތް ކަމަކަށް ނުވާތީ އެއްވެސް ކަމަކަށް އެއްވެސް އިންވެސްޓިގޭޝަނެއް ބަންދުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެކަން އަމިއްލަ ނަފްސަށް ޔަގީންކަން އޮތީމަ،"--- އަމީން

އެހެންވެ، "މިހާރު" އިން ސުވާލު ކުރުމުން އަމީން މިއަދު ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.

މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުތުގައި މިނިސްޓަރު އަމީން މާލެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ.

ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.

ދޯހާގައި ބޭއްވި އައިކާއޯގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

ދޯހާގައި ބޭއްވި އައިކާއޯގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

"އޭރު އަޅުގަނޑު ޔަގީނުން ވެސް ރާއްޖެއަކު ނެތިން. ކަމެއް ހިނގައިގެން އުޅޭ ކަމެއް ވެސް އެ ވަގުތު އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު އިންނާނީ އެ ވަގުތު ރާއްޖެ އަންނަން މަތިންދާބޯޓުގައި،" އަމީން ވިދާޅުވި އެވެ.

"ހުރިހާ ލިޔުންތަކާއި ޓިކެޓުތައް އެބަހުރި ފެންނަން."

ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ހ. މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ 18 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.

އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނަމަވެސް އަމީން މިއަދު ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.

"އިސްތިއުފާ ނުދޭން ޖެހޭ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ހަގީގަތުގައި ވެސް އަޅުގަނޑުގެ އެއްވެސް އިންވޯލްވްމަންޓެއް [ބައިވެރިވުމެއް] މިކަމުގައި އޮތް ކަމަކަށް ނުވާތީ. ޒައްރެއްގެ ވެސް އިންވޯލްވްމަންޓެއް އޮތް ކަމަކަށް ނުވާތީ އެއްވެސް ކަމަކަށް އެއްވެސް އިންވެސްޓިގޭޝަނެއް ބަންދުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެކަން އަމިއްލަ ނަފްސަށް ޔަގީންކަން އޮތީމަ،" މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިނުގަންނަވާ ސަބަބާ ގުޅޭ ގޮތުން އަމީން ވިދާޅުވި އެވެ.

އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ މީގެ ކުރިން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އޭރު އަމީން ވިދާޅުވީ، އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އަމީންގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން އޭރު ވެސް ވިދާޅުވި އެވެ.

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--

އެ ހާދިސާ ހިނގީ އަމީންގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ ޔުމްނުއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.

މީގެ އިތުރުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.