Roadha Mihaaru

ޒުވާނަކު ގެއަކުން ވެއްޓުނު މައްސަލާގެ ތަހުގީގަށް ހުރަހެއް ނާޅަން: އަމީން

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނާގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ މިރޭ ދޮގު ކުރައްވައިފި އެވެ.

ޒުވާނަކު ވެއްޓުނު މައްސަލާގެ ތަހުގީގަށް ހުރަހެއް ނާޅަން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 އެޕްރީލް 2025

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނާގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ މިރޭ ދޮގު ކުރައްވައިފި އެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ފެނިފަ އެވެ. އެއާއެކު، އަމީންގެ ގޭގައި "ޕާޓީއެއް" ބޭއްވި ކަމަށާއި އެ މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރާ އޭނާގެ ދެ ކޮއްކޮއެއްގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.

އެ ހާދިސާގައި ދެ ކޮއްކޮއަކާ ސުވާލުކުރަން އެ ދެ މީހުން ފުލުހަށް ގެންދިޔަ ކަމަށާއި އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގެންނެވީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތުގައި ކަމަށް ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒުކުރުމާއި ތަހުގީގާ ގުޅޭ އެއްވެސް މެންޑޭޓެއް އަޅުގަނޑުގެ ޒިންމާގެ ތެރޭގައި ނެތް." އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ހޯދަން ނުވަތަ ތަހުގީގާ ގުޅޭގޮތުން މިހާތަނަށް ވެސް ތަހުގީގީ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރުގެ ތެރެއިން ވެސް އެއްވެސް މީހަކަށް ގުޅައި، ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.

"އެއާ ހިލާފަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަކީ މުޅިން އަސާސެއް ނެތް ދޮގު ޕޯސްޓުތަކެއް،" އަމީން ވިދާޅުވި އެވެ.

ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.