Roadha Mihaaru
އަމިއްލަ ދަރިންނާ ބެހުނު މީހަކު ހައްޔަރުކޮށްފި

އަމިއްލަ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

15 ސެޕްޓެމްބަރ 2024

އަމިއްލަ ދެ އަންހެން ދަރިފުޅާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަމިއްލަ ދެ އަންހެން ދަރިފުޅާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ، މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިފުޅާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ގާނޫނީ ގޮތުން ވެސް މަނާކަމެކެވެ.

މެދުރާއްޖެ ތެރޭގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 18 އަހަރުން ދަށުން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ވެސް ފެންމަތިވި އެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ފިރިހެނަކު ވެސް މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް 14 އިގަ އެވެ.