Roadha Mihaaru

ކޮމިޝަންގެ ޖަލްސާގައި ބަސް އިއްވަން ފުރުސަތު ދޭން އަޒްމިރަލްދާ އެދިވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ބަސް އިއްވަން ފުރުސަތު ދޭން ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފި އެވެ.

ބަސް އިއްވަން ފުރުސަތު ދޭން އަޒްމިރަލްދާ އެދިއްޖެ
ނާޒިމް ހަސަން
ނާޒިމް ހަސަން

27 އެޕްރީލް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ބަސް އިއްވަން ފުރުސަތު ދޭން ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފި އެވެ.

ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ ބަލައި، ކޮމިޓީން ވަނީ ރިޕޯޓް އެކުލަވާލައިފަ އެވެ.

އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމާފައިވެ އެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ގޮތެއް ނިންމަން މިރޭ ޖޭއެސްސީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ އެ ބައްދަލުވުމުގައި އޭނާގެ ބަސް އިއްވަން ފުރުސަތު ދިނުމަށެވެ.

"މިއީ އާންމު އުސޫލުން އެ ނިންމުން ކޯޓުގައި ނުވަތަ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ނެތް ނިންމުމަކަށް ވާތީ ކޮމިޝަނުން ނިންމުމެއް ނިންމުމުގެ ކުރިން އަޅުގަނޑުގެ ބަސް އަޑު އިއްވުމުގެ ފުރުސަތު ދިނުމަކީ އިންސާފުގެ ހަމަތަކުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމުގައިވާތީ، ތަހުގީގު ކޮމިޓީގެ ރިޕޯޓާ ގުޅިގެން އަޅުގަނޑު ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަންކަން ޝަފަހީ ގޮތުން ހުށަހެޅުމަށްޓަކައި ގާނޫނީ ވަކީލަކާ އެކު ހާޒިރުވުމަށް ފުރުސަތު ދެއްވުން އެދެން،" ސިޓީގައި ފަނޑިޔާރު އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން އެ ބައްދަލުވުން އާންމުކޮށް ހުޅުވާލުމަށް ވެސް ފަނޑިޔާރު ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ކޮމިޝަނުން ނިންމުމެއް ނިންމާއިރު، ތަހުގީގުގެ ކޮމިޓީގެ ތިން މެންބަރުންނާއި ކުރިން ކޮމިޓީގެ ހިމެނިވަޑައިގެންނެވި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ، އެ ހަތަރު ބޭފުޅުންނަށް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ފަނޑިޔާރުގެ ސިޓީގައި އެދިފައިވެ އެވެ.

އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ބެއްލެވި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ވެސް ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ކަމަށް ވާތީ، އެ މެންބަރުން ތިއްބަވައިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އެކުލަވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ސިޓީއެއް ވެސް ރައީސަށް ފޮނުއްވާފައިވެ އެވެ.

ކޮމިޓީގެ ނިންމުމަށް ވާސިލްވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ. އަދި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.