ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލްތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސިޓީއެއް ފޮނުއްވައިފި އެވެ.
22 އެޕްރީލް 2025
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލްތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސިޓީއެއް ފޮނުއްވައިފި އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގެ ރިޕޯޓް ވަނީ ތައްޔާރުކޮށްފަ އެވެ.
އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމާފައިވެ އެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނީ ކޮމިޓީގެ ނިންމުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ މެންބަރުންގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"ކޮމިޓީން އަމަލުކޮށްފައިވަނީ ދިފާއުވުމުގެ އަސާސީ ހައްގާ ހިލާފަށެެވެ. މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން އެކުލަވާލާފައިވަނީ ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއް ފަރާތްކޮށްފައިވާ ރިޕޯޓެކެވެ،" ބަޔާނުގައިވެ އެވެ.
އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ބެއްލެވި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ވެސް ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ކަމަށް ވާތީ، އެ މެންބަރުން ތިއްބަވައިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އެކުލަވާފައިވާކަން ރައީސްގެ ސަމާލު ކަމަށް ގެނައުމަށް ސިޓީއެއް އިއްޔެ ފޮނުވާފައިވާނެ ކަމަށް ވަކީލްގެ ބަޔާނުގައިވެ އެވެ.
ކޮމިޓީގެ ރިޕޯޓްގައި ހަގީގަތާ ހިލާފަށް ބަޔާންކޮށްފައިވާ ބައެއް ކަންކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ނޫން ކަމަށް ފަނޑިޔާރު ހުށަހެޅުއްވި ހެކިތަކުން އެނގެން އޮތްއިރު، ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ.
ވަކީލްގެ ބަޔާނުގައި ބުނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި މައްސަލާގައި އަޒްމިރަލްދާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާނެކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށާއި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އަޒްމިރަލްދާ އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާ ކަން ވެސް އެނގެން އޮންނަ ކަމަށެވެ.
އެކަން ސާފުކޮށް ސާބިތުވާން އޮތުމުން، ފަނޑިޔާރު މަހާޒު މެދުވެރިކޮށް ދަށު ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެ ކޮމެޓީގެ ތުހުމަތު ބަދަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް، އެކަން ވެސް އެގޮތަށް ހިނގާފައިނުވާ ކަމަށް ވަކީލް ބުނެފައިވެ އެވެ.
ޑރ. އިސްމާއިލް ހެނދުނު 10:38 ގައި ބަންދުން ދޫކޮށް، އެ އަމުރުގައި ގާޒީ ޒިހުނީ ސޮއި ކުރައްވާފައިވަނީ 10:55 ގަ އެވެ. ނަމަވެސް ދުވަހުގެ އިރުއޮއްސި 6:28 ކުރިން ފަނޑިޔާރު އަޒްމިރަލްދާ، ފަނޑިޔާރު މަހާޒުއާ އެއްވެސް ގޮތަކުން ވާހަކަ ދައްކާފައިނުވާ ކަމަށް ވަކީލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޑރ. އިސްމާއިލް ހައްޔަރުކުރިކަން ފަނޑިޔާރު މަހާޒަށް އެނގިވަޑައިގަތީ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ނޫން ކަމަށް ވިދާޅުވެފައިވަނީ އަޒްމިރަލްދާ ސުލޫކީ މައްސަލައަކުން ސަލާމަތް ކުރަން ކަމަށް ކޮމިޓީއަށް ބުރަވެވޭ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް ބަޔާނުގައި ބުނިގޮތުގައި ޑރ. އިސްމާއިލް ބަންދާ މެދު ގޮތެއް ނިންމި ގާޒީއަށް އަދި އެ ނޫން ގާޒީއަކަށް ވެސް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މީހަކު ނެތެވެ. އެފަދައިން ނުފޫޒު ނުފޯރުވާކަން ބަންދާ މެދު ގޮތެއް ނިންމި ގާޒީގެ ބަޔާނުން ވެސް އެނގޭ ކަމަށާއި އެއީ ނަފީ ނުކުރެވޭނެ ހަގީގަތްތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮމިޓީގެ ނިންމުމަށް ވާސިލްވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތި ކަމަށާއި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ބަސް އިއްވަން ފުރުސަތު ދޭން އަޒްމިރަލްދާ އެދިއްޖެ
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
އަޒްމިރަލްދާ ބަޔާން ނެރުއްވާތީ ވެސް މައްސަލަ ބަލަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ
"ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ނުދޭ"
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ