Roadha Mihaaru

ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އަޒްމިރަލްދާ ބަޔާން ނެރުއްވާތީ ވެސް މައްސަލަ ބަލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

18 މާޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން އިސްވެ މި މައްސަލަ ބަލަން ނިންމާފައިވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި މި މައްސަލަ ބަލަން ނިންމާފައި ވިޔަސް، ބަހުސް ހޫނުވެ ޖޭއެސްސީގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރުން ހިމެނެ އެވެ.

ނަމަވެސް، ޖޭއެސްސީގެ ގިނަ މެންބަރުންގެ ވޯޓާ އެކު މައްސަލަ ބަލަން ނިންމީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ހިލާފުވި ކަމަށް ބުނާ ސުލޫކީ މިންގަނޑަކީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާނެ ކަމަށް ބުނާތީ އެވެ.

ނަމަވެސް، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި އޮވެ އެވެ.

ފަނޑިޔާރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލާ ކަމަށް އެންގުމުން އަޒްމިރަލްދާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނަށް ފަހު އަޒްމިރަލްދާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އޭނާގެ ވަކީލް އިބްރާހިމް ޝަމީލް މެދުވެރިކޮށް ބަޔާނެއް ނެރުއްވައިފަ އެވެ.

އަދި އޭގެ ފަހުން ވެސް ވަކީލް ޝަމީލް ޑރ. އަޒްމިރަލްދާގެ މައްސަލަތަކާ ގުޅޭ ގޮތުން އެކި ނޫސްބަޔާންތައް ނެރުއްވާފައިވެ އެވެ. އެ ހުރިހާ ބަޔާންތަކެއް ވެސް ނެރުއްވާފައިވަނީ އަޒްމިރަލްދާގެ ބަދަލުގައި ވަކީލް ޝަމީލެވެ. މިގޮތުން ނެރުނު ބަޔާނެއްގައި އަޒްމިރަލްދާއަށް ނުފޫޒު ފޯރުވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެޖެންޓެއް ފޮނުވި ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

އަޒްމިރަލްދާ ދަށުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން ވަނީ ތަހުގީގު ހިންގައި ރިޕޯޓް އެކުލަވާލައިފަ އެވެ. އެ ތަހުގީގަށް ބަޔާން ދެއްވި ކްރިމިނަލް ކޯޓުގެ ތިން ގާޒީން ވެސް އަޒްމިރަލްދާ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވަކީލް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެެވެ. އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މާދަމާ އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޑރ. އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން އިޖުރާއަތްތައް ހިންގަމުންދާ ކަމަށް ބުނެ ޔޫއެން ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ސަސްޕެންޑް ކުރި ފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއުސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.