Roadha Mihaaru

ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީން ބަލަނީ ބޭއިންސާފުން ކަމަށް ބުނާ ޝަކުވާ މަޖިލީހުން ބަލަނީ

ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ނިންމައިފި އެވެ.

އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

14 އެޕްރީލް 2025

ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ މައްސަލަތައް ޖޭއެސްސީން ބަލަމުން ގެންދަނީ އަސާސީ ހައްގުތައް ނުލިބޭ ގޮތަށް، ބޭއިންސާފުން އިޖުރާއަތްތައް ހިންގައިގެން ކަމަށް ވިދާޅުވެ، މަޖިލީހަށް ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޝަކުވާއެއް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމެޓީގެ ތިން މެންބަރުންގެ މައްސަލަ ބަލައިދިނުމަށް ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ސިޓީ އިއްވި ނަމަވެސް ސިޓީ އިއްވި ވަގުތު ލައިވްސްޓްރީމް ހުރީ މެދުކަނޑާލައިފަ އެވެ. އަދި އެ ސިޓީގައި ޒާތީ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ވިދާޅުވެ، އެ ކޮމިޓީ ސިއްރުކުރަން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ފަނޑިޔާރު ހުށަހެޅުއްވި ސިޓީއާ ގުޅިގެން އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އޭނާގެ އެ ހުށަހެޅުމަށް ތާއިދުކޮށް، މައްސަލަ ބެލުމަށް ކޮމިޓީން ކުރާނެ ކަންކަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އޭނާ ހުށަހެޅުއްވީ ތަހުގީގު ހިންގި ގޮތް ޖޭއެސްސީން ލިޔުމުން ހޯދުމަށާއި އެ ކޮމިޝަނުން ގެންގުޅޭ ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ތައް ހޯދުމާއި ހާޒިރުކުރަން ޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

މެންބަރު ފަޒާދުގެ އެ ހުށަހެޅުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ފަނޑިޔާރު އަޒްމިރަލްދާ ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެ މައްސަލައިގައި ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ނަގައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުން ދަނީ ގާނޫނާ ހިލާފު އިޖުރާއަތްތަކެއް ކަމަށް ބުނެ އދ. ގެ ފަނޑިޔާރުންނާއި ވަކީލުންނާ ގުޅޭ ރެޕަޓުއާއަށް ވެސް އަޒްމިރަލްދާގެ ފަރާތުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. މީގެ އިތުރުން އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް އެ މައްސަލަތައް ގެނެސްފައިވެ އެވެ.

ސަސްޕެންޑް ކުރިފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.