Roadha Mihaaru

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން "ޔަންގް އެންޓަޕްރެނާސް" ފެއާއެއް ބާއްވަނީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުޑަކުދިންނަށް އަމާޒު ކޮށްގެން "ޔަންގް އެންޓަޕްރެނާސް" ފެއާއެއް އަންނަ މަހު ބާއްވަން ނިންމައިިފި އެވެ.

"ޔަންގް އެންޓަޕްރެނާސް" ފެއާއެއް ބާއްވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

20 އެޕްރީލް 2025

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުޑަކުދިންނަށް އަމާޒު ކޮށްގެން "ޔަންގް އެންޓަޕްރެނާސް" ފެއާއެއް އަންނަ މަހު ބާއްވަން ނިންމައިިފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ކަމަށްވާ މޭ 10 އާ ދިމާކޮށް، އުމުރުން 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން "ޔަންގް އެންޓަޕްރެނާސް ފެއާ 2025"ގެ ނަމުގައި މާލޭގައި މާކެޓް ފެއާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ފެއާ ބާއްވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރިގެ ވިސްނުން، ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ފެއާގައި މި އަހަރު ދޫކުރުމަށް ހަމެޖެހިފައި ވަނީ 12 ސްލޮޓް ކަމަށެވެ. ފެއާގައި ރަޖިސްޓްރީވެ، ސްލޮޓް ރިސާވްކުރުމަށް ކުދިންގެ އަތުން ފީއެއް ބޭނުމެއް ނުވާނެ ކަމަށް ބުންޏެވެ.

ބައިވެރިވާ ކުދިންނަށް ޓެންޓާއި މޭޒު އެ އޮފީހުން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުންޏެވެ.

އެ އޮފީހުން ބުނީ ފެއާ އަށް ހުށަހަޅާ އުފެއްދުން ނުވަތަ ޕްރޮޑަކްޓަކީ ކުއްޖާގެ އަމިއްލަ އުފެއްދުމަކަށް ވާން ވާނެ ކަމަށާއި ކުދިން އުފައްދާ އެއްޗެއްގެ އަގާއި އެ ތަކެތި ފެއާގައި ވިއްކުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުދިން އަމިއްލައަށް ކަމަށެވެ. އަދި ފެއާ ކުރިއަށްދާ ވަގުތުގައި ކުދިންނަށް ބޭނުންވާ އެހީތެރިކަން އެ އޮފީހުގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުންޏެވެ.

"ޔަންގް އެންޓަޕްރެނާ ފެއާ"ގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

އެޕްލިކޭޝަން ފޯމުގެ އޮންލައިން ލިންކާއި ފެއާއާ ގުޅޭ އިތުރު މައުލޫމާތު އެ އޮފީހުގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރިކުރުމުގެ ޝައުގު ހުރި ކުދިންނަށް، އެ ކުދިންގެ މާކެޓް ހުނަރު ދައްކާލެވޭނެ ފަސޭހަ ޕްލެޓްފޯމެއް މި ފެއާ މެދުވެރިކޮށް ފަހިކޮށްދިނުމެވެ. މި ފަދަ ފުރުސަތުތަކަކީ ކުދިންގެ ހުނަރު ކުރިއަރުވައި، މައުލޫމާތު މުއްސަނދިކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ފުރުސަތުތަކެއް ކަމަށް މި އޮފީހުން ދެކެމެވެ،" އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނި ގޮތުގައި، މި ފެއާގައި ބައިވެރިވާ ކުދިންނަށް، އިވެންޓުގެ ކުރިން ހާއްސަ މައުލޫމާތު ސެޝަންތަކެއް ނަގައިދޭނެ އެވެ. އިވެންޓް ކުރިއަށް ގެންދާ ދުވަހު އެ ތަނުގެ ކަންކަން މެނޭޖުކުރާނެ ގޮތް ކިޔައިދީ، އިރުޝާދު ދިނުމާއި ފާހަގަކޮށްލެވޭ ބައެއް ޒުވާން ވިޔަފާރިވެރިންނާ އެކު އެ ބޭފުޅުންގެ ކާމިޔާބީގެ ދަތުރު ކުދިންނާ ހިއްސާކުރުން ކަހަލަ ކަންކަން ވެސް އެ ސެޝަންތަކުގައި އޮންނާނެ އެވެ.