Roadha Mihaaru
ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް

ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް

04 މެއި 2023

މި މަހުގެ 10 ގައި ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯ އިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި މަހުގެ 10 ގައި ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯ އިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

ތިން އުމުރުފުރައަކަށް ބަހާލައިގެން ބާއްވާ އެ މުބާރަތުގައި ބައިވެރިވެވޭނީ ހަ އަހަރުން ދަށާއި 7-11 އަހަރާ ދެމެދު އަދި 12-16 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. އެއް ވަނަ އަށް ހުށަހޅާފައި ވަނީ 1،500ރ. ގެ ވައުޗަރަކާއި ގިފްޓް ޕެކެކެވެ. ދެ ވަަނަ އިނާމަކީ 1،000ރ. ގެ ގިފްޓް ވައުޗަރަކާއި ގިފްޓް ޕެކެކެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 500ރ. ގެ ގިފްޓް ވައުޗަރެކެވެ.

މުބާރާތާއި ގުޅޭ ތަފްސީލު ހިމަނާފައިވާ ޓުވީޓެއް.

އެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 އާ ހަމައަށް އޮންނާނެ އެވެ. ކުރެހުންތަކަކީ ކަނޑައަޅާފައިވާ ތީމުތަކުގެ ތެރެއިން ތީމަކަށް ފެތޭ އެއްޗަކަށް ވާން ޖެހެ އެވެ. ތީމުތަކަކީ "ޑްރީމް ބްރެކްފާސްޓް މޮމެންޓް" އާއި "ޑްރީމް ހައުސް" އަދި "ހެލްތީ ލައިފްސްޓައިލް" އެވެ.

ކޮންމެ ތީމެއްގައި ވެސް އެސްޓީއޯގެ ބްރޭންޑް ނުވަތަ ޕްރޮޑަކްޓެއް ހިމަނަން ޖެހޭނެ އެވެ. މުބާރާތަށް ޑިޖިޓަލް އާޓް ފިޔަވައި ކޮންމެ ވައްތަރެއްގެ ކުރެހުމެއް ވެސް ހުށަހެޅޭނެ އެވެ. ކޮންމެ ބައިވެރިއަކަށް ހުށަހެޅޭނީ އެއް ކުރެހުމެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، މުބާރާތަށް ހުށަހަޅާ އާޓްވޯކްތަކަކީ އެ ކުންފުނީގެ އެކި ޕްރޮމޯޝަންތަކުގައި ބޭނުން ކުރާނެ އާޓްވޯކްތަކެކެވެ.

މުބާރާތުގެ ކުރެހުންތައް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް pcmarketing@sto.mv އަށެވެ. ކުރެހުން މެއިލް ކުރާއިރު ކުރެހުމުގެ ނަމާއި ކުރެހުން ހުށަހަޅާ ތާރީހާއި ކުރެހި ކުއްޖާގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރު ހިމަނަށް ޖެހެ އެވެ.