Roadha Mihaaru

ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކޯޗުކޮށްދޭނެ މީހަކު ހޯދަނީ

ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކާއި، ކޯޗިން ސްޓާފުން ހޯދަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.

ސާފުގައި ގައުމީ ޓީމަށް ކޯޗުކޮށްދޭނެ މީހަކު ހޯދަނީ

ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކާއި، ކޯޗިން ސްޓާފުން ހޯދަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.

ގައުމީ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން އަލީ ސުޒޭނުގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ.

އެފްއޭއެމުން ގައުމީ ޓީމަށް އާ ކޯޗެއް މި ހޯދަނީ ޖޫން މަހު ސްރީ ލަންކާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ. އެފްއޭއެމް މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވެސް ޖުލައި މަހު ހަމަވާނެ އެވެ.

އެހެންވެ ބެލެވޭ ގޮތުގައި އެފްއޭއެމްގެ ވިސްނުމަކީ އޭގެ ފަހުން ހަވާލުވާ ބަޔަކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ގައުމީ ޓީމަށް ކޯޗަކު ހޯދަން ފުރުސަތު ދިނުމެވެ.

ސަރުކާރުގެ ގެޒެޓުގައި އެފްއޭއެމުން ކުރި އިއުލާނުގައި ހޯދަން ޖަހާފައިވަނީ ހެޑްކޯޗުގެ އިތުރުން އެސިސްޓަންޓް ކޯޗު، ގޯލްކީޕަރު ޓްރެއިނަރު، ފިޒިކަލް ޓްރެއިނަރު، އަދި ޓީމު ޑޮކްޓަރެވެ.

ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް ނުވަތަ އެ ފެންވަރުގެ ޕްރޮފެޝަނަލް ކޯޗިން ލައިސަންސްއެއް އޮތުން ހިމެނެ އެވެ. ސީނިއާ ޕްރޮފެޝަނަލް ފެންވަރު ނުވަތަ ގައުމީ ޓީމެއްގެ ހަ އަހަރުގެ ތަޖުރިބާ ހުރުން ވެސް ޝަރުތަކަށް ޖަހާފައިވެ އެވެ.

އެފްއޭއެމުން ކުރިން އާއްމުކޮށް ގައުމީ ޓީމަށް ކޯޗުން ނަގަނީ ޓެކްނިކަލް ކޮމިޓީ މެދުވެރިކޮށެވެ. އެކަމަކު ބައެއް ފަހަރު ބޭރު ކޯޗުން ހޯދަން ފީފާގެ ވެބްސައިޓުގައި އިއުލާން ޖަހަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ މި ފަހަރު ސީދާ ކޯޗެއް ނެގުމުގެ ބަދަލުގައި އިއުލާންކުރީ، ވީހާ ވެސް ހަމަހަމަކޮށް އެކަން ގެންދަން ކަމަށާއި، މިގޮތަށް ހުޅުވާލުމުން މާ ރަނގަޅު ކޯޗެއް ލިބިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ކުރިމަތިލާ މީހުންގެ ތެރެއިން ކޯޗަކު ހޮވާނީ ޓެކްނިކަލް ކޮމިޓީން މި ފަހަރު ވެސް،" ޝުޖާއު ވިދާޅުވި އެވެ.

ގައުމީ ޓީމަށް ކޯޗަކު ނެގިޔަސް، މުބާރާތެއް ނެތުމުން، ޓީމު ނެގުމުގައި އުނދަގޫތަކާ ކުރިމަތިވާނެ އެވެ. ފީފާގެ އެންގުމަށް ދިވެހި ޕްރިމިއާ ލީގު ފަސްކޮށް އެފްއޭއެމުން މިހާރު މަސައްކަތްކުރަމުން އަންނަ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އަދި އެ މުބާރާތަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.