ސަތޭކަ ޕަސެންޓު އިސްލާމީ މި ގައުމުގައި ރީތި އާދަތައް އަށަގެންނެވުމާއި ދިރުވުމަކީ އިލްމު އުނގެނިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކޮށްފި ނަމަ ގައުމާއި މުޖުތަމައު ވެސް ދުވަހެއް ދުވަހަކަށް ދާނީ ފަހަތަށް ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަތޭކަ ޕަސެންޓު އިސްލާމީ މި ގައުމުގައި ރީތި އާދަތައް އަށަގެންނެވުމާއި ދިރުވުމަކީ އިލްމު އުނގެނިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކޮށްފި ނަމަ ގައުމާއި މުޖުތަމައު ވެސް ދުވަހެއް ދުވަހަކަށް ދާނީ ފަހަތަށް ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިންސާނުންނަށް ﷲ އިލްމު ދެއްވެވީ އެ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަމަށާއި އެކަން ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށެވެ.
"ހިފަން ޖެހޭނެ. ނުހިފައިފިއްޔާ އެކަމުގެ ސުވާލު ކުރެވޭ ދުވަހު އެ ސުވާލަށް ޖަވާބު ދެވެން ޖެހޭނެ. ދެވޭނެ ޖަވާބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ކިޔެވި ކޮންމެ ދާއިރާއަކުން ކުރިއަށް ދާއިރު އަޅުގަނޑުމެންގެ މުޖުތަމައު ހެޔޮގޮތުގައި ބައްޓަން ކުރުމަށް، އެންމެ ކައިރިން އާއިލާ ވެސް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް، އޮފީހުގެ މާހައުލު ކަމަށްވާ ނަމަ އޮފީހުގެ ކަންކަން ވެސް އިސްލާމީ ރިވެތި އާދަކާދަތަކާ އެއްގޮތަށް ހުރިތޯ ބެލުމާއި އެ ގޮތަށް ބައްޓަން ކުރުމާއި މި ކަންކަމަކީ އަޅުގަނޑުމެންނަށް ލޯ މަރާލެވޭނެ ކަމެއް ނޫން."
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި މުންކަރާތްތަކަށް ނޫނެކޭ ބުނެވޭނީ މުޖުތަމައުގެ ހުރިހާ ކަމެއް ހެޔޮގޮތުގައި ބައްޓަން ކުރެވިގެންނެވެ. ހާއްސަކޮށް މުޖުތަމައުގައި އުފެދިފައިވާ "ބަލިތަކުން" ސަލާމަތް ކުރުމަކީ އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަނީ އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރަން ކަމަށް ވިޔަސް އަމިއްލަ ނަފުސުގެ މައްޗަށް ވެސް ޒިންމާތަކެއް ވާ ކަމަށެވެ. ހާއްސަކޮށް އިލްމު ލިބިފައިވާ މީހަކާއި ނުލިބޭ މީހަކާ ހާސްބައި ތަފާތުވާނެ ކަން ދަންނަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިލްމު އުނގެނުމަށް ފަހު އަޅުގަނޑުމެންގެ ހަޔާތް ވެސް ހެޔޮގޮތުގައި ބައްޓަން ކުރަންޖެހޭ ކަމަށާއި އެއާ އެކު، ދަރިންނާއި މުޖުތައަށް ވެސް ހެޔޮ ކަންތައްތަށް ކޮށްދޭން ވާނެ ކަމަށެވެ.
އައިޔޫއެމުން މި އަހަރު ގްރެޖުއޭޓުވި ދަރިވަރަކާ ރައީސް މުއިއްޒު ރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރޭގެ ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އެ ތަނުގެ ކަންކަން ބައްޓަން ކުރާނީ ހެޔޮގޮތުގައި ކަމަށެވެ. އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވެސް އެ ޔުނިވާސިޓީއަކީ ވަރުގަދަ ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ ކަންކަން ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޔުނިވާސިޓީ އަށް އާމްދަނީ ހޯދަން މިކްސްޑް-ޔޫޒް ކޮމްޕްލެކްސްއެއްގެ ބިންގާ ދާދި ފަހުން އެޅީ ވެސް ސިޔާސަތުގެ ތެރެއިން ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ ހުޅުމާލެ އިން ބޮޑު ބިމެއް ހަމަޖައްސައިދީ، އެ ތަނުގައި އިސްލާމީ ޔުނިވާސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް. އެ ބިމުގެ ކަންތައްތައް މިހާރު އެ ވަނީ ހަމަޖެހިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން އެ ޔުނިވާސިޓީގެ ޗާންސެލަރު ޒާހިރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އައިޔޫއެމް ތަަރައްގީ ކުރުމުގެ ކަންކަން އުފަލާ އެކު، ކުރާނެ ކަމަށާއި އަޅުގަނޑުމެންނަށް އޮތް ކަމަކީ ހެޔޮ ކަންކަމަށް ގޮވާލައި އަމުރުކޮށް، ނުބައި ކަންކަން ނަހީ ކުރާނެ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެހެން ބަޔަކަށް އެނބުރި ބަލާލައި ތިމީހުން ކުރަން ޖެހޭނެ ކަމެކޭ ބުނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އެބައޮތް، ހަމަ ނިންމާލަމުން ވެސް ދަންނަވީ. އެއީކީ އެހާ އުނދަގޫ ކަމެއް ވެސް ނޫން،" ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވި އެވެ.
"ހިތަށް ގެންނަވާ ބޮޑު ހޯލެއް، އެއްވެސް އަލިކަމެއް ނެތް. އެކަކު އަނެކަކަށް ތިމަންނައެއް ނޫނޭ، ކަލޭ މިކަން ކުރާށޭ، މިތަން ދިއްލާށޭ ކިޔައި ޒިންމާ އިން ރެކުނީ. ކާކުތޯ އެ ތަން ދިއްލާނީ. އެހެން ނަމަވެސް މި ޒަމާނުގެ މިސާލު ބޭނުން ކުރަންޏާ ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮވޭ. އެ ފޯނުގައި ލައިޓެއް ހުންނާނެ. ކޮންމެ މީހަކު އެ އަލިކަން ގެނެސްދީފިއްޔާ އިސާހިތަކުން އަލިވާނެ. އަމިއްލަ ޒިންމާއެއް އެބައޮތް ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރުން."
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
އައިޔޫއެމްއިން އާމްދަނީ ހޯދަން އިމާރާތެއް އަޅަނީ
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
ސައީދުގެ ރައްދު: ހަމައިން ނެއްޓުމަކުން މޮޅެއް ނެތް!
ލޯފަން ތިންބެއިންނަށް އޮތީ ޕީއެޗްޑީ، ދޫދިނުމެއް ނެތް!
ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ