Roadha Mihaaru

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް މިރޭ އަރުވައިފި އެވެ.

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް މިރޭ އަރުވައިފި އެވެ.

މިއީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިރޭ ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި އިސްމާއިލަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިހާރު އުމުރުން 90 އަހަރު ވެފައިވާ ދ. މީދު އަށް އުފަން އިސްމާއީލް ވެފައި ވަނީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަށް ވެސް މެ އެވެ. އެއީ 1970 ގެ އަހަރުތަކުގަ އެވެ.

މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި އިސްމާއިލް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްފައިފަ އެވެ. ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން އިސްމާއިލްގެ އެހީތެރިކަމާ އެކު ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ދެއްކި އިސްމާއިލްގެ ތައާރަފު ޕްރެޒެންޓޭޝަންގައި ބުންޏެވެ.

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ރައީސް މުއިއްޒު މިރޭ އަރުވާއިރު އަރިހުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިނާއި ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު.---ފޮޓޯ: ރައީސް އޮފީސް

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ރައީސް މުއިއްޒު މިރޭ އަރުވާއިރު އަރިހުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިނާއި ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު.---ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ބައެއެއް ބޭފުޅުންނަކީ މިރޭގެ ޕްރެޒެންޓޭޝަންގައި ބުނިގޮތުން ނަމަ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ޑރ. އަލީ ޒާހިރާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި ޑރ. އަހުމަދު ޒާހިރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަޝްރަފް އަބްދުއްރަހީމާއި ޑރ. އާދަމް ޝަމީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޑރ. ހަސަން ސައީދާއި ޝައިހު މުހައްމަދު ލަތީފާއި ޝައިހު އަހުމަދު ފާރޫގު މުހައްމަދާއި ޝައިހު ޝުއައިބު އަބްދުއްރަހުމާނާއި އަހުމަދު ފާއިޒު ހުސައިނާއި ޝައިހު ފައްޔާޒު އަލިމަނިކާއި ޝައިހު އަބްދުﷲ މުހައްމަދު އިބްރާހީމާއި ޝައިހު އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އާއި ޝައިހު އަހުމަދު ސަމީރާއި ޝައިހު ހުސައިން ރަޝީދު އަހުމަދާއި ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އެވެ.

ތޮއިބާ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާ މެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަކި ހިސާބަކުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ވަޑައިގެން ޖާމިއާ ސަލަފިއްޔާގެ ވަޒީފާއަކަށް އިސްމާއިލް ނުކުންނެވި އެވެ. ޕާކިސްތާނުގައި ދީނީ ދަރުސް ދެއްވަމުން ވެސް އިސްމާއިލް އެންމެ ބޮޑު އިސްކަމެއް ދެއްވީ އޭރު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންނަށް ހިދުމަތްތަކެއް ކޮށްދެއްވުމަށެވެ.

ބޮޑެތި ގޮންޖެހުންތަކާއި ފިއްތުންތަކާ އެކު ވެސް އިސްމާއިލް ވަނީ މިހާތަނަށް ދީނީ 40 ފޮތް ނެރުއްވައިފަ އެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި ގޭބަންދުގައި ވެސް ދުވަސްތަކެއް ވަންދެން ހުންނަވަން ޖެހިވަޑައިގެންނެވި އެވެ.

އިސްމާއިލްގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިދިޔަ މާޗު 5 ގައި ވަނީ ފައްޓަވައިފަ އެވެ.