Roadha Mihaaru

ކެންދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން މިއަދު އާ ޖަނަރޭޓަރެއް ފޮނުވަނީ

ބ. ކެންދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް މިއަދު އާ ޖަނަރޭޓަރި ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އެޕްރީލް 2025

ބ. ކެންދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް މިއަދު އާ ޖަނަރޭޓަރި ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކެންދުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ ކަރަންޓު ދިނުމަށް ބޭނުންކުރާ 400 ކިލޯވޯޓުގެ ދެ ޖަނަރޭޓަރާއި 250 ކިލޯވޯޓުގެ ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯވޯޓުގެ އެއް ޖަނަރޭޓަރު ސެޓަށް އަޑީތެލާއި ފެން އެއްވާ މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ފާހަގަވުމުން އެކަން ހައްލުކުރުމަށް ފެނަކައިގެ ހެޑް އޮފީހުގެ ޓެކްނިކަލް ޓީމެއް އެ ރަށަށް ގޮސް، އެ ޖަނަރޭޓަރު ސެޓު އޯވަހޯލް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޯވަހޯލްކޮށް އެ ޖަނަރޭޓަރު ހިންގަން ފެށި ނަމަވެސް 15 ދުވަހަކު އޮޕަރޭޓްކުރި ފަހުން އިތުރު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ޖަނަރޭޓަރު ސެޓު ބޭނުންނުކުރެވިގެން ނިއްވާލަން ޖެހުނު ކަމަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބާކީ ހުރި ދެ ޖަނަރޭޓަރު ސެޓުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ، ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށެވެ. އަދި މި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ރޭ އެ ރަށަށް ފޮނުވައިގެން ކުރި މަސައްކަތުން ދަންވަރު 1:15 ހާއިރު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް މިހާރު ދެމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި ކެންދު އަށް 400 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ފޮނުވާނެ ކަމަށާއި އެ ޖަނަރޭޓަރު އިންސްޓޯލްކޮށް 48 ގަޑިއިރުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ކެންދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވެ، އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަންދެން އެ ރަށުން ކަރަންޓުގެ ހިދުމަތް އޮތީ މެދުކެނޑިފަ އެވެ.