Roadha Mihaaru

ހެރި ޕޮޓާ ސީރީޒްގެ ސްނޭޕްގެ ރޯލަށް ކަޅު ނަސްލުގެ އެކްޓަރަކު ނެގުމުން ފާޑުކިޔުން ބޮޑުވެއްޖެ

ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ހެރި ޕޮޓާ" ޓީވީ ސީރީޒްގައި ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލަށް ކަޅު ނަސްލުގެ އެކްޓަރަކު ނެގުމުން ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

ސްނޭޕްގެ ރޯލަށް ކަޅު އެކްޓަރަކު ނެގުމުން ފާޑުކިޔުން

ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ހެރި ޕޮޓާ" ޓީވީ ސީރީޒްގައި ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލަށް ކަޅު ނަސްލުގެ އެކްޓަރަކު ނެގުމުން ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

އެޗްބީއޯ އިން އިއްޔެ ވަނީ މި ސީރީޒްގެ ބައެއް ކާސްޓުން އިއުލާންކޮށްފަ އެވެ. ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލަށް ހަމަޖެއްސީ ކަޅު ނަސްލުގެ އެކްޓަރު ޕާޕާ އެސިއެޑޫ ކަމަށް އެޗްބީއޯ އިން ބުންޏެވެ.

އެ ސްޓޫޑިއޯގެ މި ނިންމުމާ ގުޅިގެން "ހެރި ޕޮޓާ"ގެ ހާޑްކޯ ފޭނުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. "ހެރި ޕޮޓާ"ގެ ފިލްމު ސީރީޒްގައި ސްނޭޕްގެ ރޯލު ކުޅުނީ ދޮން ނަސްލުގެ އެކްޓަރު އެލަން ރިކްމަން އެވެ. އަދި "ހެރި ޕޮޓާ"ގެ ވާހަކަ ފޮތުގައި ވެސް ސްނޭޕް ސިފަކޮށްފައި ވަނީ ދޮން މީހެއްގެ ގޮތުގަ އެވެ.

ބައެއް މީހުން ބުނި ގޮތުގައި، އެޗްބީއޯގެ މި ނިންމުމަކީ މި ސީރީޒް ފެށުމުގެ ކުރިން ފޭނުން މީގެ މަތިން ފޫހިކޮށްލި ކަމެކެވެ. ކެރެކްޓާއެއްގެ ނަސްލު ބަދަލުކޮށްލުން ފޭނުންނަށް ބަލައިނުގަނެވުނެވެ. އެހެންވެ، ސޯޝަލް މީޑިއާގައި ގިނަ ފޭނުން ދަނީ މި ނިންމުން ބަދަލުކުރަން ގޮވާލަމުންނެވެ.

އެޗްބީއޯ އިން އިއުލާންކުރި ގޮތުގައި، އެ ސީރީޒްގައި އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅޭނީ އެމެރިކާގެ އެކްޓަރު ޖޯން ލިތުގޯ އެވެ. މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅޭނީ އިނގިރޭސި އެކްޓަރު ޖެނެޓް މެކްޓީ އެވެ. ރޫބިއަސް ހެގްރިޑްގެ ރޯލުން އިނގިރޭސި އެކްޓަރު ނިކް ފްރޮސްޓް ފެންނާނެ އިރު، ކުރިނަސް ކުރޮލްގެ ރޯލު ކުޅޭނީ ލޫކް ތެލޮން އެވެ. އަދި އޭގަސް ފިލްޗުގެ ރޯލުން ފެންނާނީ ޕޯލް ވައިޓްހައުސް އެވެ.

"ހެރި ޕޮޓާ" ސީރީޒްގެ ޝޫޓިން މި އަހަރު މެދު ތެރޭގައި ފަށައި، އަންނަ އަހަރު ސްޓްރީމް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.