Roadha Mihaaru

"ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ބޮޑު ނުކޮށްދީގެން: ނީނާ

ގިނަ ބައެއްގެ ލޯބި ލިބުނު އެމެރިކާގެ ޓީވީ ސީރީޒް "ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ބޮޑު ނުކޮށްދީގެން ކަމަށް އެ ސީރީޒްގެ ލީޑް ކެރެކްޓާ އެލީނާ ގިލްބާޓްގެ ރޯލު ކުޅުނު ނީނާ ޑޯބްރޭވް ބުނެފި އެވެ.

"ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ކުޑަވުމުން: ނީނާ

ގިނަ ބައެއްގެ ލޯބި ލިބުނު އެމެރިކާގެ ޓީވީ ސީރީޒް "ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ބޮޑު ނުކޮށްދީގެން ކަމަށް އެ ސީރީޒްގެ ލީޑް ކެރެކްޓާ އެލީނާ ގިލްބާޓްގެ ރޯލު ކުޅުނު ނީނާ ޑޯބްރޭވް ބުނެފި އެވެ.

އެމެރިކާގެ އެކްޓްރެސް ނީނާ އެ ވާހަކަ ހިއްސާކުރީ ސީޑަބްލިއުގެ "ވެމްޕަޔާ ޑައިރީސް"ގެ މަސައްކަތްތަކާ ބެހޭ ގޮތުން "އެންޓަޓެއިންމަންޓް ވީކްލީ"ގެ ލިޔުންތެރިޔާ ސަމަންތާ ހައިފިލް ލިޔުނު ފޮތެއް ކަމަށްވާ "އައި ވޯޒް ފީލިން އެޕިކް: އޭން އޯރަލް ހިސްޓްރީ އޮފް ދަ ވެމްޕަޔާ ޑައިރީސް"އަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ޝައިއުކުރި އެ ފޮތުގައި ވަނީ އެ ސީރީޒްގެ ކާސްޓާއި ކްރޫ އަދި އުފެއްދުންތެރިންގެ އިންޓަވިއުތައް ހިމަނައިފަ އެވެ.

ނީނާ "ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ ޖުމްލަ 8 ސީޒަން ގެނެސްދިން އެ ސީރީޒްގެ ހަވަނަ ސީޒަނަށް ފަހުގަ އެވެ. އެ ދުވަސްވަރު އަޑު ފެތުރުނު ގޮތުގައި، ނީނާ އެ ސީރީޒް ދޫކޮށްލި ސަބަބަކީ އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު "ވެމްޕަޔާ ޑައިރީސް"ގެ ލީޑު އެކްޓަރު އިއަން ސަމަހޯލްޑާއާ ވަކިވުމުންނެވެ. ނަމަވެސް، އަސްލު ސަބަބަކީ އެއީ ނޫންކަން މިހާރު ވަނީ އެނގިފަ އެވެ.

ނީނާ ބުނީ އޭނާ އެ ސީރީޒް ދޫކޮށްލަން ޖެހުނީ މުސާރަ ބޮޑުކޮށްދޭން އެދުމުން ވެސް އެ ސީރީޒްގެ އުފެއްދުންތެރިން އެކަމަށް އެއްބަސްނުވުމުން ކަމަށެވެ.

"ވަރަށް އެހެން ކަހަލަ ހާލަތެއްގައި އަހަރެން ހުރީ. އަހަރެންގެ ކޮންޓްރެކްޓުގައި އޮތީ އެލީނާގެ ރޯލު ކުޅެން އެކަނި. އެކަމަކު އަހަންނަށް ތަފާތު އެތައް ކެރެކްޓާއެއް ކުޅެން ޖެހި ވޯކްލޯޑް ޑަބަލްވި. އަހަރެން ސެޓުގައި ދެގުނަ އިތުރަށް ވަގުތު ހޭދަކުރަން ޖެހުނު، ދެގުނަ އިތުރަށް ޑައިލޮގުތައް ވެސް ހިތުދަސްކުރަން ޖެހުނު،" ނީނާ ބުންޏެވެ.

"އަހަރެން ބޭނުންވި ކެތުރީންގެ ރޯލު ކުޅެން ވެސް. އެކަމަކު، އަހަރެން ބޭނުންވީ އެކުރާ މަސައްކަތަށް ހަމަހަމަ އުޖޫރައެއް، އެކުގައި މަސައްކަތްކުރި ފިރިހެނުންނާ ހަމަހަމަ ވާން."

އެ ސީރީޒްގައި އޭނާގެ ކޯ-ސްޓާރުންގެ ގޮތުގައި ތިބި ފިރިހެން އެކްޓަރުންނަށް އޭނާއަށް ވުރެ ފަސް ގުނަ ބޮޑު މުސާރައެއް ލިބުނު ކަމަށް ނީނާ ބުންޏެވެ.

ނީނާ ބުނީ 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ގެނެސްދިން އެ ސީރީޒްގެ ފަހު ސީޒަނަށް އެނބުރި ދާން ބޭނުންވި ނަމަވެސް، ރަނގަޅު މުސާރައެއް އޮފާ ނުކުރުމުން ނުދިޔައީ ކަމަށެވެ.