Roadha Mihaaru

ފައިސާ ދިނަސް މުބާރާތް ކުޅެން ގިނަ ކްލަބްތަކުގެ ޝައުގެއް ނެތް

އެއް ވަނަ ޑިވިޝަނުގެ ކްލަބްތަކަށް ސަރުކާރުން 10 މިލިއަން ރުފިޔާ ދީފައިވިޔަސް އެފްއޭއެމްގެ މުބާރާތަށް އެ ކްލަބްތަކުގެ ޝައުގުވެރިކަން ކުޑަ އެވެ.

ފައިސާ ދިނަސް މުބާރާތް ކުޅެން ޝައުގެއް ނެތް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 އެޕްރީލް 2025

އެއް ވަނަ ޑިވިޝަނުގެ ކްލަބްތަކަށް ސަރުކާރުން 10 މިލިއަން ރުފިޔާ ދީފައިވިޔަސް އެފްއޭއެމްގެ މުބާރާތަށް އެ ކްލަބްތަކުގެ ޝައުގުވެރިކަން ކުޑަ އެވެ.

މި މަހު ފަށަން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން ފީފާއިން އަންގައިގެން މަޑުޖައްސާލުމަށް ފަހު، ރަސްމީ ކަލަންޑަރުގެ ބޭރުން މުބާރާތެއް ކުޅުމުގެ ދައުވަތު، އެފްއޭއެމުން މިދިޔަ ހަފުތާގައި ކްލަބްތަކަށް ފޮނުވި އެވެ.

އެފްއޭއެމުން ބުނީ އެ މުބާރާތް ބޭއްވުމުގެ ހުއްދަ ފީފާއިން ދޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އެ ދައުވަތަށް އިޖާބަ ދިނީ ތިން ކްލަބަކުންނެވެ.

މާޒިޔާ އާއި އޮޑި ސްޕޯޓްސް އަދި ޓީސީ ސްޕޯޓްސް އަދޮ ވިކްޓަރީ ފިޔަވައި، ކުޅޭނެކަމުގެ ކަށަވަރުކަން އެހެން ކްލަބަކުން ނުދެ އެވެ.

ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބަށް، ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން 10 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.

ސަރުކާރުން ފައިސާ ދިނުމުން ވެސް ގިނަ ކްލަބްތަކުން މުބާރާތް ކުޅޭކަށް ބޭނުމެއް ނުވެ އެވެ.

ރެލިގޭޝަނެއް އަދި ކްލަބްތަކުގެ ރޭންކިން ނުވަތަ ރަސްމީ ސީޒަނުގެ ތެރެއަށް ނުފެތޭ ގޮތަށް މުބާރާތެއް ބޭއްވުމުގެ ހުއްދަ ދިނުމާ މެދު ފީފާއާ އެކު އެފްއޭއެމުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ކުރިން ވިދާޅުވީ އެ މަޝްވަރާތައް ފީފާއާ އެކު ކުރިއަށް ގެންދިޔައީ ޖޫން މަހު ގައުމީ ޓީމަށް ވެސް މުހިންމު މެޗުތަކެއް އޮތުމުން ވާދަވެރި މެޗުތަކެއްގެ ތެރެއިން ގައުމީ ޓީމު ނެގުމަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

"ފީފާގައި އަޅުގަނޑުމެން އެދުނީ ޖޫން މަހު ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ވެސް އެބައޮތޭ. ގައުމީ ޓީމު ނެގުމުގައި ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް އަދި ކްލަބްތަކުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވުމުން ކުރު މުބާރާތެއް ބޭއްވުމުގެ މުހިންމުކަން ފީފާއާ ހިއްސާ ކުރީ،" ޝުޖާ ވިދާޅުވި އެވެ.