Roadha Mihaaru

ބައިވެރިނުވާ ކްލަބްތައް ބުނަނީ އެއީ އަމާޒެއް ނެތް މުބާރާތެއް ކަމަށް

ރަސްމީ ފުޓްބޯޅަ ސީޒަނުން ބޭރުން އެފްއޭއެމުން ބާއްވާ ކުރު މުބާރާތުގައި ބައިވެރިނުވުމުގައި މަގްބޫލު ސަބަބުތަކެއް އެބަހުރި ކަމަށް ކްލަބްތަކުން ބުނެފި އެވެ.

"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 އެޕްރީލް 2025

ރަސްމީ ފުޓްބޯޅަ ސީޒަނުން ބޭރުން އެފްއޭއެމުން ބާއްވާ ކުރު މުބާރާތުގައި ބައިވެރިނުވުމުގައި މަގްބޫލު ސަބަބުތަކެއް އެބަހުރި ކަމަށް ކްލަބްތަކުން ބުނެފި އެވެ.

މި މަހު ފަށަން އެފްއޭއެމުން ކުރިން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން، ފީފާއިން އަންގައިގެން ފަސް ކުރި އެވެ. އެއަށް ފަހު އެފްއޭއެމުން ވަނީ، ފީފާއާ އެކު މަޝްވަރާކޮށް ކުރު މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

އެ މުބާރާތް ބޭއްވުމުގެ ހުއްދަ، ފީފާއިން ދޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ރަސްމީ ކަލަންޑަރުގެ މުބާރާތަކަށް ނުވާތީ، އެ މުބާރާތުގައި ކްލަބްތަކުގެ ރޭންކިން އާއި ރެލިގޭޝަނެއް ނޯންނާނެ އެވެ.

މުބާރާތުގައި ބައިވެރިވާން ކްލަބްތަކަށް ދައުވަތު ފޮނުވުމުން ބައިވެރިވީ ހަތަރު ކްލަބަކުންނެވެ.

މާޒީޔާ، ޓީސީ، ވިކްޓަރީ އޮޑި ސްޕޯޓްސް ފިޔަވައި އެހެން ކްލަބަކުން މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އެކަމަކު މި އަހަރު ވެސް ސަރުކާރުން ވަނީ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް އެހީވުމުގެ ގޮތުން ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދީފަ އެވެ. ޖުމުލަ 10 މިލިއަން ރުފިޔާ އެ ޕޭކޭޖްގެ ދަށުން ސަރުކާރުން ކްލަބްތަކަށް ދިނެވެ.

އެކަމަކު ގިނަ ކްލަބްތައް، މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން، އެ ކްލަބްތަކަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

މުބާރާތުގައި ބައިވެރިވާނެ ކަމަށް އެފްއޭއެމަށް އަންގާފައި ނުވާ ކްލަބްތަކުގެ ތެރެއިން "މިހާރު" އާ ވާހަކަ ދެއްކި ކްލަބްތަކުގެ އޮފިޝަލުން ބުނީ އެ މުބާރާތުގައި ބައިވެރި ނުވުމުގައި މަގްބޫލު ސަބަބުތަކެއް އެބަ ހުރި ކަމަށެވެ.

"ގިނަ ކްލަބްތައް ފައިނޭންޝިއަލީ މިއޮތީ އަދިވެސް ވަރަށް ހާލުގައި، މިހެން އޮތްވައި ސީޒަނުގެ ބޭރުން ބާއްވާ މުބާރާތުގައި ބައިވެރިވާށޭ ބުންޏަސް ކިހިނެއް ބައިވެރި ވާނީ؟ ކްލަބްތަކުގެ ޓާގެޓަށް އެއްޗެއް އެޗީވް ނުވާ މުބާރާތެއްގައި ބައިވެރިވެގެން ހަމަ އިތުރަށް ކްލަބްތަކުގެ އެނާޖީ ދާނީ،" ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ކްލަބްތަކާއި ފުޓްބޯޅަ އޮތް ހާލަތު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އެނގެން ޖެހޭ ކަމަށެވެ.

"ގިނަ ކްލަބްތައް އެ މުބާރާތް ކުޅެން ބޭނުން ނުވާކަން އެނގިއްޖެ، އެހެންވީމާ އެފްއޭއެމް ވެސް މިއޮތް ހާލަތުގައި ކީއްކުރަން ނޯމަލައިޒޭޝްން ކޮމިޓީން ވެސް އިތުރު އެނަޖީއެއް ދުއްވާލަންވީކީ؟ އެފްއޭއެމް ނޯމަލައިޒް ކުރުމުގެ މަސައްކަތައް ބޮޑަށް ފޯކަސް ކުރަންވީނުން؟" އޭނާ ބުންޏެވެ.

މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން ކްލަބެއްގެ އޮފިޝަލަކު ބުނީ އެ ކްލަބްގައި ތިބި ގިނަ ޒުވާން ކުޅުންތެރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ތިބުމުން، ސްކޮޑް ހަމަ ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޮޑް ބޭސްވެފަ މިއތީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންގެ މައްޗަށް. އޭގެ ގިނަ ކުޅުންތެރިންނަކީ އަންޑަ 19 ޓީމުގެ ކުޅުންތެރިން. އަންޑަ 19 އިން މުހިންމު މުބާރާތަކަށް ތައްޔާރުވަމުން އެދަނީ. ކޮންމެ ގޮތެއް ވިޔަސް ގައުމީ ޓީމު ޑިއުޓީ އަށް ކުޅުންތެރިން ހުސްވެގެން ތިއްބައި އަޅުގަނޑުމެންނަކަށް ނޭނގޭނެ ކުޅުންތެރިންނަށް ކްލަބްގެ ޕްރެކްޓިހަށް ނުކުންނާށެކޭ،" އޭނާ ބުންޏެވެ.