Roadha Mihaaru

ކްލަބުތަކަކީ ފުޓުބޯޅައިގެ މައިބަދަ: ބައްސާމް

ކްލަބުތަކަކީ ފުޓުބޯޅައިގެ މައިބަދަކަމަށާއި ގޭންގްތަކެއްގެ ގޮތުގައި ކްލަބްތައް ސިފަކުރުން ބަލައި ނުގަނެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކްލަބުތަކަކީ ފުޓުބޯޅައިގެ މައިބަދަ: ބައްސާމް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

26 ޑިސެމްބަރ 2021

ކްލަބުތަކަކީ ފުޓުބޯޅައިގެ މައިބަދަކަމަށާއި ގޭންގްތަކެއްގެ ގޮތުގައި ކްލަބްތައް ސިފަކުރުން ބަލައި ނުގަނެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވެފައި ވަނީ، ކްލަބްތަކުން ޕްރެސް ކޮންފަރެންސްތަކުގައި ދައްކާ ވާހަކަތައް ބަދަލުކޮށް މައްސަލަ އުފެއްދުމަށް މީޑިއާއިން ކުރާ ކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ބައްސާމް މިގޮތަށް ވާހަކަ ދެއްކެވީ، ފުޓުބޯޅަ އަށް ގެއްލުންވާ ގޮތަށް ޚަބަރު ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަނުގެ ހަތް ކްލަބަކުން "މިހާރު" ނޫސް ބޮއިކޮޓް ކޮށްފައިވަނިކޮށެވެ.

ބައްސާމް ވިދާޅުވީ، ބިނާ ކުރަނިވި ފާޑުކިޔުމަށް ކްލަބުތަކުންނާއި ފުޓުބޯޅަ އާއިލާ އިން މަރުހަބާ ކިޔައި، އެކަންކަން ބަލައިގަންނާނެ ކަމަށެވެ.

"ކުޅިވަރު ނޫސްވެރިންނާއި މީޑިއާތަކަކީ ފުޓުބޯޅަ އާއިލާގެ ބައެއް. ކްލަބުތަކާއި ފުޓުބޯޅަ އާއިލާއިން އަބަދުވެސް މީޑިއާ އަށް އިހްތިރާމްކުރޭ،" ޓްވިޓާގައި ބައްސާމް ލިޔުއްވާފައިވެ އެވެ. "ކުޅިވަރު ނޫސްވެރިންނާއި މީޑިއާތަކުން ވެސް އެ އިހްތިރާމް ކްލަބުތަކަށާއި ފުޓްބޯޅަ އާއިލާ އަށް އަދާކޮށްދޭން ޖެހޭ."

ދަތި އުނދަގުލުގައި ވެސް ކްލަބްތައް ފުޓުބޯޅަ އަށް ވާ ގުރުބާނީ އާއި އުފުލާ ތަކްލީފު އަގުވަޒަން ކުރަން ޖެހޭ ކަމަށް ވެސް ބައްސާމް ވިދާޅުވެފައި ވެއެވެ.

ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓް ކުރި ކަމަށް ބެލެވޭ އެއް ސަބަބަކީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ހާމިދު އަބްދުލް ގަފޫރު، ކްލަބްތަކާއި އެފްއޭއެމް ހިންގާ ގޮތާމެދު "މިހާރު" ނޫހުގައި ލިޔުއްވާ ކޮލަމްގައި ފާޅުކުރައްވާފައިވާ އަމިިއްލަ ހިޔާލާ މެދު އެވެ. އަދި މިހާރު ނޫހުގެ ކުޅިވަރު ޚަބަރުތަކުގެ ސުރުހީތައް ގެންނަ ގޮތާމެދު ވެސް ކްލަބްތަކުން ހިތްހަމަ ނުޖެހޭކަން ވަނީ އެނގިފަ އެވެ.

އޮފިޝަލް ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމަކީ މުބާރާތުގެ ގަވާއިދާ ކްލަބްތަކުން ހިލާފުވުމެވެ. އެފްއޭއެމުން ބުނެފައި ވަނީ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށެވެ.