Roadha Mihaaru

މަސްވެރިކަމާ ގުޅޭ ކޮމިޓީތަކަށް ބަޔަކު ކުރިމަތިނުލައިގެން އަނެއްކާ ވެސް ހުޅުވާލައިފި

ފަސް ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިން ކޮންމެ މަސްވެރިކަމެއް މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލުމަށް އާންމުންނަށް ފުރުސަތު ހުޅުވައިލި ނަމަވެސް އެ ކަމަށް ތާއީދު ނުލިބުމުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

މަސްވެރިކަމާ ގުޅޭ ކޮމިޓީތަކަށް ބަޔަކު ކުރިމަތިނުލި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

10 އެޕްރީލް 2025

ފަސް ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިން ކޮންމެ މަސްވެރިކަމެއް މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލުމަށް އާންމުންނަށް ފުރުސަތު ހުޅުވައިލި ނަމަވެސް އެ ކަމަށް ތާއީދު ނުލިބުމުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ މަހުގެ 19 ގައި ހުޅުވައިލީ ކަނޑުމަހުގެ މަސްވެރިންކަން މެނޭޖު ކުރުމަށާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީ އަށް ލަފާދޭ ކޮމިޓީތައް އެކުލަވާލާތީ އެ ކޮމިޓީތަކަށް މަންދޫބުން ކުރިމަތިލުމަށެވެ. އެކަމަކު މިއަދުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތުގައި އެކަމަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށް، ނަން ހުށަހަޅާފައިނުވާތީ މި މަހުގެ 20 ގެ ނިޔަލަށް އެ ފުރުސަތު އަނެއްކާ ވެސް ހުޅުވައިލާފައިވާ ކަމަށެވެ.

ކޮމިޓީތަކާއި މަންދޫބުންގެ ތަފްސީލު:

- ކަނޑުމަހުގެ މަސްވެރިކަން މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ވަދުނަނުގެ މަސްވެރިކަން ކުރާ ފަރާތެއް.

- ފާނަ މަސްވެރިކަން މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފާނަ މަސްވެރިކަން ތަމްސީލުކުރާ އެއް މަންދޫބާއި ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ އެއް މަންދޫބު.

- ހިބަރުގެ މަސްވެރިކަން މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލުކުރާ ތިން މަންދޫބުން.

- ފަރު މަސްވެރިކަން މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފަރުމަހުގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބަކާއި ފަރުމަހުގެ ވިޔަފާރިކޮށް، އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެއް.

- ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖު ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހުއިފިލަނޑާގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބުންނާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބުން.

އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްވެރިކަން މެނޭޖު ކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި ޕްލޭން ތަންފީޒު ކުރާ ގޮތުގެ ތަފްސީލު އަހަރަކު އެއް ފަހަރު މިނިސްޓްރީ އަށް ހުށަހެޅުމާއި ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖު ކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭ ގޮތުން ލަފާ ދިނުން ހިމެނެ އެވެ.

ކޮމިޓީއަށް މެމްބަރުން ނެގުމުގައި ބަލާނީ އެ މަސައްކަތުގައި އެ މީހުން ހަރަކާތްރެރިވެފައިވާ މުއްދަތާއި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާގެ މަގާމަށް އެދި ހުށަހަޅާ މީހެއް ނަމަ އެ ދާއިރާ އިން އެ ޖަމިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަށެވެ.

އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރަމުންދާ މީހުންނަށް އެ ކޮމިޓީތަކުގެ މެމްބަރުންނަށް ނުވެވޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.