Roadha Mihaaru

ފަސް ބާވަތެއްގެ މަސްވެރިކަމާ ގުޅޭ ކޮމިޓީތައް ހަދައި މަންދޫބުން ނަގަނީ

ފަސް ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިން ކޮންމެ މަސްވެރިކަމެއް މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

މަސްވެރިކަމާ ގުޅޭ އެކި ކޮމިޓީތައް ހަދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 މާޗް 2025

ފަސް ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިން ކޮންމެ މަސްވެރިކަމެއް މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

އެކުލަވާލަނީ ކަނޑުމަހުގެ މަސްވެރިންކަން މެނޭޖުކުރުމަށާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އަށް ލަފާދޭ ކޮމިޓީއެކެެވެ.

އެ ކޮމިޓީތަކުގައި ބައިވެރިވާން އެދޭ މީހުން އެކަމަށް އެދި ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ މަންދޫބުންނަށް ކޮންމެ ކޮމިޓީއަކުން ލިބެނީ ފަސް އަހަރުގެ މުއްދަތެކެވެ.

ކޮމިޓީތަކާއި މަންދޫބުންގެ ތަފްސީލު:

- ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ވަދުނަނުގެ މަސްވެރިކަން ކުރާ ފަރާތެއް.

- ފާނަ މަސްވެރިކަން މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފާނަ މަސްވެރިކަން ތަމްސީލުކުރާ އެއް މަންދޫބާއި ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ އެއް މަންދޫބު.

- ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލުކުރާ ތިން މަންދޫބުން.

- ފަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފަރުމަހުގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބަކާއި ފަރުމަހުގެ ވިޔަފާރިކޮށް، އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެއް.

- ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހުއިފިލަނޑާގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބުންނާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބުން.

އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ މަސްވެރިކަމެއް މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފްސީލު އަހަރަކު އެއް ފަހަރު މިނިސްޓްރީ އަށް ހުށަހެޅުމާއި ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އަށް ލަފާ ދިނުން ހިމެނެ އެވެ.

އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރަމުންދާ މީހުންނަށް އެ ކޮމިޓީތަކުގެ މެމްބަރުންނަށް ނުވެވޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ކޮމިޓީއަށް މެމްބަރުން ނެގުމުގައި ބަލާނީ އެ މަސައްކަތުގައި އެ މީހުން ހަރަކާތްރެރިވެފައިވާ މުއްދަތަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާގެ މަގާމަށް އެދި ހުށަހަޅާ މީހެއް ނަމަ، އެ ދާއިރާ އިން އެ ޖަމިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.