Roadha Mihaaru

އައްޑޫ އެއާޕޯޓު މަގުގެ މައްސަލާގައި ބޭނުންވަނީ އިންސާފުވެރި ބަދަލެއް: އީކުއޭޓާ ވިލޭޖު

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ސަރުކާރާ އެކު މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އެކަން ހައްކު ކުރެވޭނެ ކަމަށް އެ ހޮޓާ ހިންގާ ކުންފުނިން ރޭ ބުނެފި އެވެ.

"މަގުގެ މައްސަލައިގައި ބޭނުމީ އިންސާފުވެރި ބަދަލެއް"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 އެޕްރީލް 2025

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ސަރުކާރާ އެކު މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އެކަން ހައްކު ކުރެވޭނެ ކަމަށް އެ ހޮޓާ ހިންގާ ކުންފުނިން ރޭ ބުނެފި އެވެ.

ގަމުގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓު މަގު ހަދަން ނިންމި ސަރަހައްދުގައި ހިމެނެނީ އެ ހޮޓަލުގެ އާންމު އޮޕަރޭޝަނަށް ކޮންމެހެން މުހިއްމު އިމާރާތްތަކެއް ކަމަށެވެ. އީކުއޭޓާ ވިލެޖުގެ ބަދިގެ އާއި މުވައްޒަފުން ތިބޭ ތަނާއި މުވައްޒަފުން ކާ ސަރަހައްދުގެ އިތުރުން ލޯންޑްރީ އާއި ގަރާޖާއި ސްޓާފް ރެކްރިއޭޝަން އޭރިއާ އާއި ގެސްޓުންނަށް ހާއްސަ ސްކްވޮޝް ކޯޓު ވެސް އެ ސަރަަހައްދުގައި ހިމެނޭ ކަމަށް ކައިމޫގެ ބަޔާނުގައި ވެ އެވެ.

ނަމަވެސް އައްޑޫ އެއާޕޯޓް ކުންފުނިން އިއްޔެ ބުނެފައި ވަނީ މަގު ހަދާ ސަރަހައްދަށް މުޅި އެ އިމާރާތް ނާރާ ކަމަށާއި ނަގަން ޖެހެނީ މަދު ކޮޓަރިތަކެއް ކަމަށެވެ.

"އެ ބުނާ ސްޓާފް ކުއާޓާޒް އެއްކޮށް އާ މަގަށް އަރަނީކީއެއް ވެސް ނޫން. އެ އިމާރާތުގެ ބައެއް ކޮޓަރިތައް މި ޖެހެނީ ނަގަން. އަޅުގަނޑުމެން [އީކުއޭޓާ ވިލެޖުގައި] ބުނެފިން އެ ކޮޓަރިތަކުގެ ބަދަލުގައި ބްލޫ ލެގޫންގެ ކުރިމަތީގައި ހުރި ތަނެއް ވެސް ހަމަޖައްސަދީފާނަމޭ. އެކަމަކު، އެ ކަމަށް ވެސް އެއްބަހެއް ނުވި،" އައްޑޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "މިހާރު" އަށް އިއްޔެ ވިދާޅުވި އެވެ.

ކައިމޫ އިން ބުނީ، މި މައްސަލައިގައި ހައްލެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށާއި ބޭނުންވާ ހައްލުތައް ވެސް އެ ކުންފުނިން އިސްނަގައިގެން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އިކުއޭޓާ ވިލެޖު" އެ ހޮޓަލުގައި 78 ކޮޓަރި ހިމެނޭ -- ފޮޓޯ: އިކުއޭޓާ ވިލޭޖު

އިކުއޭޓާ ވިލެޖު" އެ ހޮޓަލުގައި 78 ކޮޓަރި ހިމެނޭ -- ފޮޓޯ: އިކުއޭޓާ ވިލޭޖު

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަމުގައި ކައިމޫ އިން އަބަދުވެސް އެއްބާރުލުންދޭ ކަން ފާހަގަކޮށް ބުނީ، މި މައްސަލައިގައި ވެސް އިންސާފުވެރި އަދި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީކުއޭޓާ ވިލެޖު ހިންގުމާ ކައިމޫ އިން އެންމެ ފުރަތަމަ ހަވާލުވީ 1999 ވަނަ އަހަރު އެވެ. އެ ހޮޓަލުގައި 78 ކޮޓަރި ހިމެނޭ އިރު އެ ކުންފުނިން 2017 ވަނަ އަހަރު ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިމުގެ ބަދަލުގައި އިތުރު ބިމެއް ދޭން ހުށަހެޅުމުން ވެސް އެ ހޮޓަލުގެ ފަރާތުން އެކަމަށް އެއްބަސްނުވި ކަމަށް އައްޑޫ އެއާޕޯޓްސް ކޮމްޕެނީން އިއްޔެ ބުންޏެވެ

އެ މައްސަލައިގައި އައްޑޫ އެއާޕޯޓްސް ކޮންޕެނީ އިން ކައިމޫއާ ސީދާ މަޝްވަރާއެއް ނުކުރެ އެވެ. އެކަމުގައި ހައްލެއް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އެވެ. މިދިޔަ ދެ އަހަރު ވެސް އެކަމުގައި ކުރި މަޝްވަރާތަކުން ހައްލެއް ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ހައްލެއް ނުލިބިފައިވަނީ، ކައިމޫ އިން ބަދަލުގެ ގޮތުގައި ހުށަހަޅާ ކަންކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެއްބަސްވުމަކާ ހަމައަށް ނާދެވޭތީ އެވެ.

މި މައްސަލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެެހެން ޕްރޮޖެކްޓެއްގެ ތެރެއިން ސަރުކާރުން އެ މަގު ހަދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.