އައްޑޫ އީކުއޭޓާ ވިލެޖު ހޮޓަލުގެ ސްޓާފް ކުއާޓާޒްގެ އިމާރާތުގެ ބައެއް ކޮޓަރިތައް ހުސްކޮށް، އައްޑޫ އެއާޕޯޓާ އެކު ހަދާ މަގު ހެދުމަށް އެއްބާރުލުން ދޭން އެ ހޮޓާ ހިންގާ ކުންފުނީގެ އިސްވެރިން ނިންމަވައިފި އެވެ.
އައްޑޫ އީކުއޭޓާ ވިލެޖު ހޮޓަލުގެ ސްޓާފް ކުއާޓާޒްގެ އިމާރާތުގެ ބައެއް ކޮޓަރިތައް ހުސްކޮށް، އައްޑޫ އެއާޕޯޓާ އެކު ހަދާ މަގު ހެދުމަށް އެއްބާރުލުން ދޭން އެ ހޮޓާ ހިންގާ ކުންފުނީގެ އިސްވެރިން ނިންމަވައިފި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނައިރު، އެ ތަން ދޫކުރުމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ވަކި ކޮޅެއްގައި ނުޖެހި އުޅޭތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
ފަހުން މި މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ އެ މަގުގެ މައްސަލަ ހައްލު ނުވެ، ދިގުލައިގެންދާ ނަމަ ގަން އެއާޕޯޓް މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހި، ގެއްލުން ވާނެތީ، އީކުއޭޓާ ވިލެޖުގެ ލޭބަ ކުއާޓާޒް އަށް އަރާ މަގު ނުހިމަނައި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނުމުންނެވެ. ނަމަވެސް އައްޑޫ އެއާޕޯޓް ބޮޑުކުރުމަށް މިހާރު ހިންގާ ޕްރޮޖެކްޓުގެ ތެރެއިން އެ މަގު ނުހެދުނަސް އެހެން ޕްރޮޖެކްޓުގެ ތެރެއިން ހަދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.
މައްސަލަ ހައްލު ކުރަން އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ދީފައިވާ އެންމެ ފަހު މުހުލަތަކީ އަންނަ އަންގާރަ ދުވަހެވެ.
އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހަދާ މަގު -- ފޮޓޯ: ސައީދު
ނަމަވެސް މިހާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަވައި، "ހައްލަކާ ހަމައަށް މިހާރު ދަތުރުކުރާ ކަމަށް" އެ މަޝްވަރާގެ ތަފުސީލް އެނގިވަޑައިގަންނަވާ އިސްބޭފުޅަކު ވިދާޅުވި އެވެ.
"އެ އިމާރާތް އެއްކޮށް ހުސްކުރާކަށް ނުޖެހޭ. ގާތްގަނޑަކަށް 8 ކޮޓަރި ހުސްކުރީމާ މަގު ހަދަން ޖާގަ ލިބޭ. މިހާރު އީކުއޭޓާ އިން އެއްބަސްވީ އެ ބޭފުޅުންގެ އެހެން ބިމަކުން އެ 8 ކޮޓަރީގެ ޖާގަ ފަހިކުރަން. އެހެންވީމާ ސޮލިއުޝަނެއް މިހާރު ހޯދިއްޖެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވެސް މިހާރު އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް އެބަކުރައްވާ ގޮތެއް ހޯއްދަވަން،" އައްޑޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވި އެވެ.
އިކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސްގެ ފަރާތުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމަށް އެ ކުންފުނިން ބަދަލެއްގެ ގޮތުގައި ސަރުކާރަށް ހުށަހެޅީ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ކަމަށް ކުރިން އެނގިފައި ވެ އެވެ. އަދި ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރަން ވެސް ހުށަހެޅި ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވެފައި ވެ އެވެ.
އެކަމަކު، އެ ބަދަލު ދިނުމަށް މި ސަރުކާރުން އެއްބަސްނުވި ކަމަށް ސަރުކާރުގެ މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު، ތޯރިގާ މިދިޔަ ފެބްރުއަރީ 1 ގައި ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އައްޑޫ އެއާޕޯޓް ކުންފުނީގެ އެމްޑީ ވަހީދު ވިދާޅުވީ، އީކުއޭޓާ ވިލެޖުގެ ލޭބަ ކުއާޓާޒްގެ މައްސަލަ ހައްލު ކުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ދުވަސްވަރު އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބުނު ކަމަށާއި މައްސަލަ ހައްލު ކުރަން އަމަލީ ގޮތުން މަސައްކަތް ފެށުނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް މިދިޔަ ފެބްރުއަރީ 1 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލްގެ އެހެން ބައެއް މެމްބަރުން ވެސް އިއްޔެ ވަނީ އީކުއޭޓާ ވިލެޖުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މައްސަލަ އަށް "ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން" އީކުއޭޓާ ވިލެޖުގެ އިސްވެރިން ދެއްވި ކަމަށެވެ.
އައްޑޫ މޭޔަރު ނިޒާރާއި ސިޓީ ކައުންސިލްގެ އެހެން ބައެއް ބޭފުޅުން އީކުއޭޓާ ވިލެޖުގެ އިސްވެރިއަކާ އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
"އަދި މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި. އަދި މި ފުރުސަތުގައި މި މައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އަދި އީކްއޭޓާ ވިލެޖްގެ ވިޔަފާރި އަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ،" މޭޔަރު ވިދާޅުވި އެވެ.
ކައިމޫއިން ބަދަލަކަށް ބޭނުންވަނީ 25 މިލިއަން ޑޮލަރު!
"މަގުގެ މައްސަލައިގައި ބޭނުމީ އިންސާފުވެރި ބަދަލެއް"
ހަންކެޑެއާ ގުޅޭ ގޮތުން މި މަހު ގޮތެއް ނިންމަނީ
އީކުއޭޓާ ވިލެޖު ސްޓާފް ކުއާޓާޒްގެ ކޮޓަރިތައް ހުސްކޮށްފި
އެހެން ތަނެއް ހަމަޖެއްސުމުން ވެސް އީކުއޭޓާ އެއްބަސްނުވި
"ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ މަގު ހަދާނެ"
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
ގަން އެއާޕޯޓް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން ފަށައިފި
އައްޑޫގެ ޓޫރިޒަމްގެ ކަންބޮޑުންތައް ޓޫރިޒަމް މިނިސްޓަރަށް
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ