އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މައި މަގު ހަދަން އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް ނަގަންޖެހޭތީ، އެ ބިން ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ކޯޓަށް ދާން މަސައްކަތް ފަށައިފި އެވެ.
10 އެޕްރީލް 2025
އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މައި މަގު ހަދަން އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް ނަގަންޖެހޭތީ، އެ ބިން ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ކޯޓަށް ދާން މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ހަ ސޮފްހާގެ ބަޔާނުގައި ބުނެފައިވަނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒާއި އެތަނާ އިންވެގެން ހުރި އެހެން އިމާރާތްތަކަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހަރުމުދަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެތަން އެކުންފުންޏަށް އެންގުމަކާނުލައި، އެހެން ބަޔަކަށް ބަދަލުކުރެވިފައިވާ މައްސަލައަކީ ހަމަޖެހިފައިވާ އުސޫލުގެ ބޭރުން 2013 ވަނަ އަހަރު ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
މަގު ހަދަން އީކުއޭޓާ ވިލެޖުން ހުސްނުކުރާ ބިމަކީ، މީގެ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު އީކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކުރި ބިމެކެވެ. އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ހަދާފައިވާ، ގަން ބަލަހައްޓާ ޔުނިޓުގެ އެ އިމާރާތް ހުރި ސަރަހައްދަކީ ހަތަރުހާސް އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އެތަން ކުއްޔަށް އޭރު ދިނީ މަހަކު 40،000ރ. ދައްކާ ގޮތަށެވެ. ކުރިން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެތަނުގެ ކުލި ބޮޑުކޮށް، 2012 ގައި އެގްރީމެންޓް އާކުރަން ހުށަހެޅުމުން އީކުއޭޓާ ވިލެޖުން ވަނީ ކުލި ބޮޑުނުކޮށް އެގްރީމެންޓްގެ މުއްދަތު 2017 ވަނަ އަހަރަށް އިތުރުކޮށްދޭން އެދިފަ އެވެ. އެއާޕޯޓު ހިންގަމުން ދިޔަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަނީ އެކަަމަށް އޭރު އެއްބަސްވެފަ އެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހިމެނޭ ސަރަހައްދު. މި ހިސާބުގައި މަގު ހެދުމުގެ ބައެއް މަސައްކަތްތައް ވެސް ވަނީ ފަށާފައި. -- ފޮޓޯ: ސައީދު
އޭގެ ފަހުން ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އެއީ ޓޫރިޒަމަށް ބޭނުންކުރާ ބިމެއް ކަމަށް ކަނޑައަޅައި އެ ބިމުގެ ހުރިހާ ބާރެއް ވަނީ 2017 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން އެ ބިމާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ހިންގާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އީކުއޭޓާ ވިލެޖާ ދެމެދުގަ އެވެ.
އޭއައިއޭ އިން ބުނީ، އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް ފަހު ޝަރީއަތް މެދުވެރިކޮށް އެ ބިމުގެ މައްސަލަ ހައްލުކުރުމާ މެދު ގޮތެއް ނިންމަން ފެނޭތޯ ބެލުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅަން ކުންފުނީގެ މެނޭޖްމެންޓުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަން ފާހަގަކުރަމެވެ. މިކަންތައްތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ މި ޕްރޮޖެކްޓްގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ ކަން ވެސް ފާހަގަކުރަމެވެ.
އެކުންފުނިން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާ މެދު އައްޑޫ ސިޓީ އާއި ދެކުނުގެ ރައްޔިތުން ގެންގުޅޭ ތަސައްވުރާއި އުންމީދުތަކަށް އިހްތިރާމުކޮށް ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމުމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އެކުންފުނިން ބުނީ، އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން ހަދާ މަގަކީ، ޕްރޮޖެކްޓްގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެ މަގު ނުހެދިއްޖެ ނަމަ، ޕްރޮޖެކްޓްގެ ދަށުން ހަދާ ބައެއް އިމާރާތްތައް ބޭނުން ކުރަން ދަތިވެދާނެ ކަމަށް ވެސް ބުންޏެވެ.
އީކުއޭޓާ ވިލެޖު ކައިރިން ހަދާ މަގުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައި. -- ފޮޓޯ: ސައީދު
"މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަން ފާހަގަކުރަމެވެ. މިކަންތައްތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ މި ޕްރޮޖެކްޓްގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ ކަން ވެސް ފާހަގަކުރަމެވެ،" އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަޔާނުގައިވެ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ، އެ ޕްރޮޖެކްޓަށް ބޭނުންވާ ބިންތައް ހުސްކުރަން، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އާއި އިމާރާތްތައް ވެސް ހުސްކުރި ކަމަށެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހާއި ފުލުހުންނާއި ކަސްޓަމަސްގެ އިތުރުން އެމްއެންޑީއެފާއި އެ ސަރަހައްދުގައި ހިންގި ރެސްޓޯރެންޓެއް ވެސް ވަނީ ހުސްކޮށްފަ އެވެ.
އެ ކުންފުނިން ބެލި ބެލުމުން، އީކުއޭޓާ ވިލެޖުން ހުސްކުރަން ޖެހެނީ އެ ކުންފުނީގެ ސްޓާފުން ބޭނުންކުރާ ދެތިން ކޮޓަރި ކަމަށާއި، އެކޮޓަރިތައް ހުސްކުރުމަށް ފަހު، އެ ސަރަހައްދުން އެކޮޓަރިތަކަށްވާ ޖާގައަށް ބިން ދޭނެ ވެސް ހުށަހެޅި ކަމަށެވެ. އަދި އެސަރަހައްދުގެ މެދުން މަގު ހެދި ކަމުގައި ވިޔަސް ދެ ފަރާތަށް ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް މެއި 22، 2023 ގައި އެކުންފުނީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"17 އޮގަސްޓ 2023 ގައި ލޭބާކުއާޓާޒް ސަރަހައްދަށް ގޮސް އެތަނުން ހުސްކުރަން ޖެހޭކަމަށް ފެންނަ ކޮޓަރިތައް ފާހަގަކޮށް އެކޮޓަރިތައް އީކުއޭޓާ ވިލެޖު ހިންގާ ވެރިންނަށް ވާނީ ދައްކާފަ އެވެ. އަދި ކޮންޓްރެކްޓާގެ ސާވެޔަރުންނާ އެކު މި ކުންފުނިން އެ ދުވަހު ބެލި ބެލުމުން އެ ސަރަހައްދުންނެގޭ ކޮޓަރިތަކުން އެ ހޮޓަލުގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ އެފަރާތްތަކަށް ދީފަ އެވެ." ބަޔާނުގައިވެ އެވެ.
ގަމުގައި ހަދާ މަގު. އެ މަގު ހެދުން ޕްރޮޖެކްޓުން އުނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ -- ފޮޓޯ: މިހާރު
އެ މުއާމަލާތްތައް އެހިސާބަށް ދިއުމަށް ފަހު، އެތަން ހުސްކުރުމަށް ރަސްމީކޮށް އެންގުމުން، އެކަން ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ކަމަށް ވެސް އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން ވަނީ އޭއައިއޭއަށް އަންގައިފަ އެވެ. އޭގެ ފަހުން، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެންނެވެ.
އެ ކުންފުނީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއަދު އީކުއޭޓާ ވިލެޖުން ނެރުނު ބަޔާނުގައި، މަގު ހަދާ ސަރަހައްދުގައި ބަދިގެ އާއި ސްޓާފް މެސް، ލޯންޑްރީ، ގަރާޖު، ސްޓާފް ރެކްރިއޭޝަން އޭރިއާ، ސްކްވޮޝް ކޯޓު ހިމެނޭ ކަމަށް އޮތް ނަމަވެސް، އެތަނުން އެއްވެސް އިމާރާތެއް މަގު ހެދުމަށް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި ގެސްޓުންނަށް ހާއްސަކޮށް ސްކްވޮޝް ކޯޓެއް ހުރި ކަމަށް ބުންޏަސް، އެތަން އީކުއޭޓާ ވިލެޖުން ބޭނުން ކުރަމުން ދަނީ ގުދަނެއްގެ ގޮތުގައި ކަމަށް ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަޔާނުގައި ބުންޏެވެ. ސްކްވޮޝް ކޯޓަކީ، އިނގިރޭސިން އުޅުނު ދުވަސްވަރު އެމީހުން އެ ކުޅިވަރު ކުޅެން ބޭނުން ކުރި ކޯޓެކެވެ.
މި މައްސަލަ ހައްލު ކުރުމަށް މިދިޔަ ދެ އަހަރު ވެސް އެކަމުގައި ކުރި މަޝްވަރާތަކުން ވެސް އަދި މިހާތަނަށް ހައްލެއް ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ހައްލެއް ނުލިބިފައިވަނީ، ކައިމޫ އިން ބަދަލުގެ ގޮތުގައި ހުށަހަޅާ ކަންކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެއްބަސްވުމަކާ ހަމައަށް ނާދެވޭތީ އެވެ.
މި މައްސަލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އީކުއޭޓާ ވިލެޖު ސްޓާފް ކުއާޓާޒްގެ ކޮޓަރިތައް ހުސްކޮށްފި
ކޮޓަރިތައް ހުސްކުރަން އެއްބަސްވެ، ހައްލަކާ ދިމާއަށް
ކައިމޫއިން ބަދަލަކަށް ބޭނުންވަނީ 25 މިލިއަން ޑޮލަރު!
"މަގުގެ މައްސަލައިގައި ބޭނުމީ އިންސާފުވެރި ބަދަލެއް"
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި
ބޭރަށް ފުރާ މީހުންގެ އަތުން އާ ޓެކުހެއް ނަގަން ބިލެއް
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު