އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމާ މެދު އޮތް ހިޔާލު ތަފާތުވުން ހައްލުކޮށް، އެކަން ސަރުކާރަށް އަންގާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
17 އެޕްރީލް 2025
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމާ މެދު އޮތް ހިޔާލު ތަފާތުވުން ހައްލުކޮށް، އެކަން ސަރުކާރަށް އަންގާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބަކުއާޓާ ސަރަހައްދުގެ މައްސަލައާ މެދު ކަމާބެހޭ ހުރިހާ ފަރާތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފުރުސަތުގައި އޭއައިއޭގެ މެނޭޖްމަންޓުން މި މައްސަލަ ހަލުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީހަށް ހައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރުއަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން."
މަގު ހަދަން ހުސްކުރަން ޖެހެނީ ލޭބާ ކުއާޓާގެ ހަތް ކޮޓަރި އެވެ. އެނގިފައިވާ ގޮތުގައި އައްޑޫ އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދާ މަގަށް އަރާ ގޮތަށް ހުރި ކޮޓަރިތަކުގެ ބަދަލުގައި އީކުއޭޓާ ވިލެޖުން ބޭނުންކުރަން ނިންމީ އެ ހޮޓަލުން ބޭނުންކުރާ އިމާރާތެކެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާ ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު ސަރުކާރާ އެކު މަސައްކަތްކުރި އެވެ. އޭރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ހުށަހެޅީ ސަރުކާރުން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދިނުމަށެވެ. އަދި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި އެވެ.
އެކަން ލަސްވެ، މާލީ ގޮތުން އިތުރު ހޭދައެއް ކުރަން ޖެހިދާނެތީ، މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން އޭރު ސަރުކާރުން ނިންމި އެވެ. އެކަމަކު، މިހާރު ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް މި ގޮތަށް މި އެއްބަސްވީ މަޝްވަރާތައް ކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރާ އެ ޕްރޮޖެކްޓް ނިންމަން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ ކޮންޓެކްޓަރަކީ އިންޑިއާގެ ރެނާޓަސް އެވެ. އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓަކީ އެސިސްޓަމް އިންޑިއާ އެވެ.
އީކުއޭޓާ ވިލެޖު ސްޓާފް ކުއާޓާޒްގެ ކޮޓަރިތައް ހުސްކޮށްފި
ކޮޓަރިތައް ހުސްކުރަން އެއްބަސްވެ، ހައްލަކާ ދިމާއަށް
ކައިމޫއިން ބަދަލަކަށް ބޭނުންވަނީ 25 މިލިއަން ޑޮލަރު!
"މަގުގެ މައްސަލައިގައި ބޭނުމީ އިންސާފުވެރި ބަދަލެއް"
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އައްޑު އަށް އިންވެސްޓް ކުރެވޭނެ، ފުރުސަތުތައް އެބަހުރި: ނަޝީދު
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު